މެެލޭޝިއާގެ ޔުނިވަރސިޓީ ޓެކްނޮލޮޖީ މާރާގެ ވަފުދެއް ދިވެހިރާއްޖޭގެ ޒަކާތު ހައުސް އަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

މެެލޭޝިއާގެ ޔުނިވަރސިޓީ ޓެކްނޮލޮޖީ މާރާގެ ވަފުދެއް ދިވެހިރާއްޖޭގެ ޒަކާތު ހައުސް އަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފިއެވެ. މިވަފުދުގައި ހިމެނިވަޑައިގަންނަވަނީ އެ ޔުނިވަރސިޓީގެ ޒަކާތު އަދި އެންޑަވްމަންޓް ޑިވިޜަންގެ ޑިރެކްޓަރ އެސޯސިއޭޓް ޕްރޮފެސަރ ޑރ. މުޙައްމަދު އަޝްރަފް ޒަކީ ބިން ޔަޢުޤޫބާއި ސްޓޫޑެންޓް އެފެއާޒްގެ ޑެޕިއުޓީ ޑީން އެސޯސިއޭޓް ޕްރޮފެސަރ ޑރ. އަޒްރީ ބިން ބަހާރީ އެވެ. ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން  އެބޭފުޅުންނަށް މަރުޙަބާ ދަންނަވާފައިވަނީ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމާއި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ފަޟީލަތުއްޝައިޚު ޢިއްޒައްދީން ޢަދުނާނެވެ.

މިބައްދަލު ކުރެއްވުމުގައި ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ޝުޖާޢު ދެއްކެވި ވާހަކަފުޅުގައި، ދިވެހި ރައްޔިތުން ދީނީ ކަންކަމަށް ހޭލުން ތެރިކުރުމަށާއި ބޭރުގެ ޔުނިވަރސިޓީތަކުން ދިވެހި ދަރިވަރުންނަށް ތަޢުލީމާއި ތަމްރީނު ހޯދައިދިނުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން އަލިއަޅުވައި ލެއްވިއެވެ. އަދި ރާއްޖޭގައި ޒަކާތުގެ ނިޒާމު އޮތް ގޮތާއި އިތުރަށް ޒަކާތުގެ ނިޒާމު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހިއްސާ ކުރެއްވިއެވެ. މެެލޭޝިއާގެ ޔުނިވަރސިޓީ ޓެކްނޮލޮޖީ މާރާގެ އެސޯސިއޭޓް ޕްރޮފެސަރ ޑރ. މުޙައްމަދު އަޝްރަފް ޒަކީ ބިން ޔަޢުޤޫބު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިތުރަށް ތަރައްޤީ ކުރުމަށް އެ ޔުނިވަރސިޓީން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ދެފަރާތުން މަޝްވަރާ ކުރުމާ ގުޅޭގޮތުން ޝައުޤުވެރިކަން ފާޅު ކުރެއްވިއެވެ.

ހަމަ އެހެންމެ މިބައްދަލު ކުރެއްވުމުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދުނާނު މުދަލު ޒަކާތަށް ދިވެހި ރައްޔިތުން ހޭލުން ތެރިކުރުމަށް ޒަކާތު ހައުސްއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު އެބޭފުޅުންނާ ޙިއްސާ ކުރެއްވިއެވެ. އަދި މިބައްދަލު ކުރެއްވުމުގައި އިސްލާމިކް ފައިނޭންސާއި ޒަކާތާއި ވަޤުފުގެ ނިޒާމު އިސްލާމީ ޤައުމުތަކުގައި ކުރިއަރުވާފައިވާ ގޮތްބަލައި ދިރާސާކޮށް ރާއްޖޭގެ ޒަކާތު ހައުސް އިތުރަށް ތަރައްޤީ ކުރުމަށް ދެފަރާތުން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދެކެވުނެވެ. އެ ޔުނިވަރސިޓީގެ ސްޓޫޑެންޓް އެފެއާޒްގެ ޑެޕިއުޓީ ޑީން އެސޯސިއޭޓް ޕްރޮފެސަރ ޑރ. އަޒްރީ ބިން ބަހާރީގެ ވާހަކަފުޅުގައި ރާއްޖޭގެ ޒަކާތު ހައުސްއަށް އިތުރު ކުރިއެރުމަށް އެދި ވަޑައިގަންނަވާ ކަމަށާއި ދެފަރާތުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން އިތުރަށް މަޝްވަރާ ކުރުމުގެ މުހިއްމުކަމާ ބެހޭގޮތުން ވާހަކަ ދެއްކެވިއެވެ.

ހިއްސާކުރައްވާ