ޒަކާތަށް ސަރުކާރު މުވައްޒަފުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ހޭލުންތެރިކުރުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ކުރިއަށް ގެންދާ ޕްރޮގުރާމުތަކުގެ ތެރެއިން އެމްއެންޑީއެފްގެ މުވައްޒަފުން ޒަކާތަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ޒަކާތާއި ގުޅޭ މި ސެޝަންތައް ނަންގަވައިދެއްވީ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް، އައްޝައިޚް ޢިއްޒައްދީން އަދުނާން، ޢަބްދުﷲ ޢަލީ، އައްޝައިޚް މުޙައްމަދު ނައުޝީރު އަދި އައްޝައިޚް މޫސާ މުޢިއްޒުއެވެ. މި ސެޝަންގައި ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމް އަދި ޒަކާތުގެ ޙުކުމްތަށް އަލިއަޅުވާލައްވާފައިވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން 'ދިވެހިރާއްޖޭގެ ޒަކާތު ހައުސް' އިފްތިތާޙްކޮށްދެއްވީ 28 ޑިސެމްބަރު 2024 ގައެވެ. އޭގެ ފަހުން ޒަކާތުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށާއި، އާއްމުން ޒަކާތަށް ހޭލުންތެރިކުރުވުމަށް ޒަކާތު ހައުސްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެދިގެން އައި ހިސާބުން ޒަކާތަށް އާންމުންނާއި، ސްކޫލް އަދި ޔުނިވަރސިޓީ ތަކުގެ ދަރިވަރުން ހޭލުންތެރި ކުރުމުގެ ގޮތުން ސެޝަންތައް ދަނީ ނަގައިދެމުންނެވެ. އެގޮތުން އަތޮޅުތެރެއާއި މާލޭގެ ސްކޫލްތަކާއި އިސްރައްވެހިންނަށް ޚާއްޞަ ސެޝަންތަކެއްވެސް ޒަކާތު ހައުސްގެ ފަރާތުން ވަނީ ކުރިއަށްގެންގޮސްފައެވެ.