މީރާގެ ވާރުޕޭ މެދުވެރިކޮށް ހެޔޮ ކަންކަމަށް ހޭދަ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ އޮންލައިން ޕޯޓަލް ވާރުޕޭ މެދުވެރިކޮށް ހެޔޮކަންކަމަށް ހޭދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަން މިއަދު އިފްތިތާޙްކޮށްދެއްވީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްޒޭޝަން ހަސަން ޒަރީރުއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްޒޭޝަން ހަސަން ޒަރީރު ވިދާޅުވީ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މިކަން ހަޤީޤަތަކަށް ހެދިގެންދިޔަކަމީ ވަރަށް އުފާކުރާކަމެއްކަމަށާއި މިކަމަކީ ވަޒީރުގެ ދުރުވިސްނުމާއެކު ކުރިއަށް ގެންދެވުނު ވަރަށް މުހިއްމު މަސައްކަތެއްކަމަށެވެ. އަދި މިކަން ހަޤީޤަތަކަށް ހެދުމަށްޓަކައި މީރާއާއި ވުޒާރާގެ ކަމާއި ގުޅޭ މުވައްޒަފުން ކުރެއްވި މަސައްކަތަކަށްޓަކައި ޝުކުރު އަދާކުރައްވާފައިވެއެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ، ފާއިތުވެދިޔަ ހަފްތާގައި ބޭއްވުނު މަޝްވަރާ ބައްދަލުވުމެއްގައި ހުށައެޅުއްވިކަމެއް ކުޑަ މުއްދަތެއްގެ ތެރޭގައި ނިންމަވާ ހަޤީޤަތަކަށް ހެއްދެވީތީ މީރާގެ ވެރިންނަށާއި މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވާކަމަށެވެ. ވަޒީރު އިތުރަށް ވިދާޅުވީ، ދިވެހިންނަކީ ހެޔޮކަންކަމަށް ހޭދަކުރުމަށް ޝައުޤުވެރިކަން ހުރި ބައެއްކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް އެހީތެރިވުމަށް ދިވެހިން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަ ކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖޭން ބޭރުގެ އެކި ކަންކަމަށް އެހީތެރިވާ ފަދައިން ރާއްޖޭގެ އެތެރޭގައި ހުރި އެކި ހެޔޮ ކަންކަމަށްވެސް ހޭދަކުރުމަކީ މުހިއްމު ކަމެއްކަމަށާއި އެގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި މިސްކިތްތައް ބިނާ ކުރުމާއި ޤުރުއާން ކުލާސްތަކާއި ލައިބްރަރީތައް ޤާއިމް ކުރުން ފަދަ މުހިއްމު ކަންކަން ކުރަން ޖެހިފައި އެބަހުރިކަމަށް ވަޒީރު ވިދާޅުވިއެވެ.

ވާރުޕޭ މެދުވެރިކޮށް ހެޔޮ ކަންކަމަށް ހޭދަކުރުމަށް އަލަށް ތަޢާރަފްކުރި ކަންތަކުގެ ތެރޭގައި މިސްކިތް ބިނާކުރުމާއި މިސްކިތްތައް މަރާމާތު ކުރުމާއި ޤުރުއާން މަރުކަޒުތައް ޤާއިމްކުރުމާއި ހެޔޮ އެކި ކަންކަމަށް ޙައިރާތުގެ ގޮތުގައި ޞަދަޤާތް ކުރުމުގެ ފުރުސަތު ހިމެނެއެވެ.

ހިއްސާކުރައްވާ