ޒަކާތަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމު ރ. އަތޮޅުގައި ކުރިއަށް ގެންގޮސްފި

ދިވެހި ރައްޔިތުން ޒަކާތަށް ހޭލުންތެރިކުރުމަށް ދިވެހިރާއްޖޭ ޒަކާތު ހައުސްއިން ކުރިއަށް ގެންދާ ޕްރޮގުރާމު ރ. އަތޮޅުގެ އެކި ރަށްތަކުގައި ކުރިއަށް ގެންގޮސްފިއެވެ.

ޒަކާތު ހައުސްގެ ޕްރޮގުރާމުތައް ރ. އަތޮޅުގައި ކުރިއަށް ގެންގޮސްފައިވަނީ ރ. އުނގޫފާރު، ރ. ދުވާފަރު، ރ. މާކުރަތު، ރ. މީދޫ އަދި ރ މަޑުއްވަރީގައެވެ. މިހުރިހާ ރަށެއްގައިވެސް ޒަކާތަށް ހޭލުންތެރިކުރުމަށް ގިނަ ހަރަކާތްތަކެއް ޒަކާތު ހައުސްގެ ޓީމުންވަނީ ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ދީނީ ދަރުސްތަކާއި، ސްކޫލް ދަރިވަރުން ޒަކާތަށް ހޭލުންތެރިކުރުމުގެ ސެޝަންތަކާއި މުއައްސަސާތަކުގެ މުވައްޒަފުންނާއި އާއްމުން އަދި ވިޔަފާރިވެރިން ޒަކާތަށް ހޭލުންތެރިކުރުމަށްވެސް ސެޝަންތައް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ދަތުރުގައި މިސްކިތު ދަރުސްތަކާއި ސެޝަންތައް ނަންގަވައިދެއްވީ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ފަޟީލަތުއްޝައިޚް ޢިއްޒުދީން އަދުނާންގެ އިތުރުން ވާއިޡް މުސާޢިދު އައްޝައިޚް ޙަސަން ތަޢުފީޤް އެވެ.

އަދި ހަމަމިއާއެކު މި ދަތުރުގައި ދިރިއުޅުމުގެ ހާލަތުދަށް އާއިލާތަކަށް ޒިޔާރަތްކޮށް އެފަރާތްތަކުގެ ހާލުބަލާފައިވެއެވެ. އެގޮތުން 5 ރަށުގެ 37 އާއިލާއަކަށް ޒިޔާރަތްކޮށް އެ ފަރާތްތަކުގެ ޝަކުވާތައް އަޑު އަހާ ދިރިއުޅުމުގައި ދަތިވާކަންކަން ވަނީ ބަލާ އަދި އެންމެ އަވަހަށް އެހީތެރިކަން ބޭނުންވާ ކަންކަމަށް ވަނީ ދެނެގަނެވިފައެވެ. އެފަރާތްތަކަށް ޒިޔާރަތްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެހީތެރިކަން ބޭނުންވާ ޒަރޫރީކަންކަމަށް އެހީތެރިކަން ފޯރުކޮއްދިނުމެވެ.

ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޒަކާތުގެ ކަންކަން ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ވަކި އިދާރާއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެއްދެވި ފަހުން ޒަކާތުގެ ކަންކަމަށް އާއްމުން ހޭލުންތެރިކުރުމަށް ޒަކާތު ހައުސްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުގައި ފާއިތުވެދިޔަ 2024 ވަނަ އަހަރަކީ ފުރަތަމަ ފަހަރަށް މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިގެންދިޔަ އަހަރުކަން ފާހަގަކޮށްލެވެއެވެ.

1446 ވަނަ އަހަރު ފިޠްރުޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ދިވެހިރާއްޖޭގެ ތާރީޚް އަލަށް ފިޠުރުޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައިވާ މީހުންނަށް ހަމަހަމަވާގޮތަށް ވަނީ ބަހާފައެވެ. މީގެކުރިން ބަހަމުން އައީ އެރަށަކަށް ލިބޭއެއްޗެއް އެރަށެއްގެ ފަޤީރުންނާއި މިސްކީނުގެ ދަފްތަރުގައިވާ މީހުންނަށް ބަހާގޮތަށެވެ.

ހިއްސާކުރައްވާ