ބޮލަކަށް 5000 ރުފިޔާގެ މަގުން ފަޤީރުންނާއި މިސްކީނުންގެ އެކައުންޓުތަކަށް މުދަލު ޒަކާތުގެ ފައިސާ ޖަމާކޮއްފި

މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އެކައުންޓުތަކަށް ބޮލަކަށް 5000 ރުފިޔާގެ މަގުން ޖަމާކޮއްފިއެވެ.

ކޮންމެ އަހަރަކުވެސް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މުދަލު ޒަކާތުގެ ފައިސާއިން ސީދާގޮތުން މާލީ އެހީތެރިކަން ފޯރުކޮއްދެއެވެ. އެހެން އަހަރުތަކޭ އެއްފަދައިން މާލެ އާއި އަތޮޅުތަކުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ހިޖުރީ އައު އަހަރު ފެށުމުގެ ކުރިން ފައިސާ ޖަމާކޮއްދެއެވެ. ވޭތުވެ ދިޔަ އަހަރުތަކަށް ބަލާއިރު 2021 ވަނަ އަހަރު މުދަލު ޒަކާތުން ބަހާފައިވަނީ ބޮލަކަށް 2700 ރުފިޔާއެވެ. 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 3000 ރުފިޔާއެވެ. އަދި 2023 ވަނަ އަހަރު ބޮލަކަށް 3500 ރުފިޔާގެ މަގުން މުދަލު ޒަކާތް ބަހާފައިވާއިރު ، 2024 ވަނަ އަހަރު 4000 ރުފިޔާގެ މަގުން މުދަލު ޒަކާތް ބަހާފައިވެއެވެ. އެހެން އަހަރުތަކާ ޚިލާފަށް 2025 ވަނަ އަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންނަށް ސީދާގޮތުން އެންމެ ގިނައިން ބޮލަކަށް ބަހާފައިވާ އަހަރެވެ. އެގޮތުން ފައިސާ ބަހާފައިވަނީ 1 ޛުލްހިއްޖާ 1446 )28 މޭ 2025 ކުރިން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓުރީވެފައިވާ ފަރާތްތަކަށެވެ.

ﷲ سبحانه و تعالى‎ ކީރިތި ޤުރްއާނުގެ ސޫރަތުއް ތައުބާގެ 60 ވަނަ އާޔަތުގައި ފަޤީރުންނާއި މިސްކީނުންނަކީ ޒަކާތުގެ ބެހެނިވެރިންކަމަށް ބަޔާންކުރައްވާފައެވެ. ޒަކާތު ފަންޑުން ހޭދަކުރުންވެސް ބިނާވެގެން ދަނީ ކީރިތި ޤުރުއާނުގެ ސޫރަތުއް ތައުބާގެ 60 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވާ 8 ބައިގެ މައްޗައްށެވެ.

ފަޤީރުންނާއި މިސްކީނުންނަށް ޒަކާތު ހައުސްއިން ސީދާ ގޮތުންނާއި ނުސީދާގޮތުން އެކި ހޭދަތަށް ކުރެވިގެންދެއެވެ. އެގޮތުން ޟަރޫރީ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި ބޭސްފަރުވާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން އަދި ޚާއްސަ ޙާލަތާއި ކުއްލި ޙާލަތު މެދުވެރިވެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ.

ޒަކާތު ހައުސް އިފްތިތާހުކުރެވުނުފަހުން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓުރީވުމުގެ ފުރުސަތު އެހެން އަހަރުތަކާ ޚިލާފަށް ޢާންމުކޮށް ވަނީ ހުޅުވާލެވިފައެވެ. އަދި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން ކޮންމެ ދެ އަހަރަކުން ރިވިއު ކުރެވޭނެއެވެ.

22 އޭޕްރިލް 2025 (24 شَـــوَّالُ 1446ހ.) އިން ފެށިގެން ދިވެހިރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، ރިހީގެ ގްރާމަކަށް 15.57 (ފަނަރަ ރުފިޔާ ފަންސާސް ހަތް ލާރިި)ގެ ރޭޓުން 595 (ފައްސަތޭކަ ނުވަދިހަ ފަހެއް) ގްރާމަށްވާ 9,264.15 (ނުވަހާސް ދުއިސައްތަ ފަސްދޮޅަސް ހަތަރު ރުފިޔާ ފަނަރަ ލާރި) އެވެ. މުދަލު ޒަކާތް ބަލައިގަންނާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ.

ހިއްސާކުރައްވާ