Eng

މި ސަރުކާރުގެ ތަޞައްވުރަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ޒަކާތުގެ ނިޒާމެއް ޤާއިމްކުރުންކަމަަށް ޒަކާތު ހައުސްގެ ޗެއަރމަން ވިދާޅުވެއްޖެ

ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ތަޞައްވުރަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ޒަކާތުގެ ނިޒާމެއް ޤާއިމްކުރުންކަމަަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު އަދި ޒަކާތު ހައުސްގެ ޗެއަރމަން ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޗެއަރމަން މިހެން ވިދާޅުވީ ޒަކާތު ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޗެއަރމަން ވިދާޅުވީ މިހާރު މަޖިލީހަށް ހުށައެޅިފައިވާ ޒަކާތުގެ ބިލު ޤާނޫނަކަށް ވެގެން ދިއުމުން ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ނިޒާމަކަށް ވެގެންދާނެކަމަށާއި ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރަކީ ޒަމާނާއި އެއްވަރުގެ ޒަކާތުގެ ނިޒާމެއް ޤާއިމްކުރެވިގެންދިއުން ކަމަށެވެ.

ޗެއަރމަންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މިރޭ ހަވާލުކުރެވިގެންދިޔަ ސްކޮލަރޝިޕާއި ޚާއްސަ ސްކޮރލަޝިޕް އިސްލާމީ ދާއިރާތަކަށް ޚާއްސަ ކުރުމަށް ނިންމާފައިވަނީ ރައީސްގެ ލަފާއާއެކު ކަމަށާއި އެއީ އިސްލާމީ ދާއިރާތަކުން މީހުން ތަމްރީން ކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި މި ސްކޮލަރޝިޕްތައް ނިންމާ ދަރިވަރުންގެ ފަރާތުން ޤައުމަށް ފައިދާކުރާނެކަން ޔަޤީން ކުރައްވާކަމަށް ޗެއަރމަން ވިދާޅުވިއެވެ.

ޗެއަރމަން ވިދާޅުވީ، ޒަމާނުންސުރެ ރާއްޖޭގައި އޮތީ ވަރަށް ހަރުދަނާ ޒަކާތުގެ ނިޒާމެއްކަމަށާއި، ޒަކާތަށް ޚާއްސަ ވަކި އިދާރާއެއް މިވެރިކަމުގެ ކުރީކޮޅު ރައީސް އުފެއްދެވުމަކީ ޒަކާތުގެ ނިޒާމަށް އިތުރު ހަރުދަނާކަމެއް އައިސްފައިވާކަމެއްކަމަށް ޗެއަރމަން ވިދާޅުވިއެވެ.

ޗެއަރމަން އިތުރަށް ވިދާޅުވީ، 7 އަހަރުގެ މެދުކެނޑުމަކަށްފަހު މިރޭ މިދެވުނު ފުރުސަތުތަކަކީ ޤައުމާއި އިސްލާމީ ޙަޟާރަތު އިތުރަށް ކުރިއެރުވުމަށްޓަކައި ބޭނުންވާ މުހިއްމު ފުރުސަތެއްކަމަށާއި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕެވުމަށް ނަސޭހަތްތެރިވެލައްވާކަމަށެވެ.

ޗެއަރމަންގެ ވާހަކަފުޅު ނިންމަވާލައްވަމުން ތަނަވަސްކަމުގެ އަހުލުވެރިން ޒަކާތް ދެއްކެވުމަށާއި ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވެލެއްވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ހިއްސާކުރައްވާ