ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ކުރިއަށްގެންދަން ހަމަޖެހިފައިވާ "ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2025″ގެ ކީނޯޓް ސްޕީކަރ ޑރ. މުޙައްމަދު ފައިސަލް ބިން މުސްތަފާ ރާއްޖެ ވަޑައިގަންނަވައިފިއެވެ.
މިމަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޒަކާތު ކޮންފަރެންސް، އިންޒެކްގެ ކީނޯޓް ސްޕީކަރ ޑރ. މުޙައްމަދު ފައިޞަލް ބިން މުޞްޠަފާއަކީ ކެޑާ ސްޓޭޓް ޒަކާތު ބޯޑު ލެމްބާގަ ޒަކާތު ނެގެރި ކެޑާގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރއެވެ. ޑރ. މުޙައްމަދު ފައިޞަލް އަކީ ޒަކާތު ހިންގުމާއި އިސްލާމީ އިޖުތިމާޢީ މާލީ ދާއިރާގެ މާހިރެކެވެ. ހަމައެއާއެކު މެލޭޝިޔާގެ ޔުނިވަރސިޓީ އޮފް މަލާޔާ އިން ޝަރީޢާ އަދި ޤާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީ އަދި ޔުނިވަރސިޓީ އުތާރާ މެލޭޝިޔާއިން ޕީ.އެޗް.ޑީ ޙާޞިލްކުރައްވައިފައިވާ ބޭފުޅެކެވެ.
ޑރ. ފައިޞަލް އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ލެމްބާގާ ތަބުންގް ޙައްޖުގެ ބޯޑު މެމްބަރުކަމާއި ޙައްޖާ ބެހޭ ކޮމިޓީގެ ޗެއަރމަންކަން ހިމެނެއެވެ. އެބޭފުޅާއަކީ ކޯޕަރޭޓިވް ޕަރމޮޑަލަން ފެލްޑާ މަލޭޝިޔާ ބަރހާދުގެ ބޯޑު އަދި ވަޤްފު ފެލްޑާގެ ޝަރީޢާ ކޮމިޓީގެ މެމްބަރެކެވެ. ޑރ. ފައިޞަލްއަކީ ޔުނިވަރސިޓީ ކެބަންގްސާން މެލޭޝިޔާގެ އިންސްޓިޓިއުޓް އޮފް އެތްނިކް ސްޓަޑީޒް (ކީތާ)ގެ ވިޒިޓިންގ ފެލޯއެކެވެ. އަދި ކުރިން ޑރ. މުޙައްމަދު ފައިޞަލް ވަނީ ޔަޔަސަން ޕެނެރަޖު ޕެންޑިޑިކަން ބުމިޕުތެރާގެ ޒުވާނުންގެ ލަފާދޭ އައިކަނެއްގެ ގޮތުގަތްޔާއި އަލްބުޚާރީ އިންޓަރނޭޝަނަލް ޔުނިވަރސިޓީގެ ރިސާރޗް ފެލޯއެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. ޑރ. ފައިޞަލްއަކީ އެސްޕައަރިންގ ޑައިރެކްޓަރ އިމާރޝަން ޕްރޮގްރާމް (އައި.ސީ.ޑީ.އެމް އަދި ބުރްސާ މެލޭޝިޔާ، 2022-2023)ގެ އިސްދަރިވަރެކެވެ. އަދި ޔުނިވަރސިޓީ އޮފް އޮކްސްފޯޑްގެ އޮކްސްފޯޑް ސްޓްރެޓެޖިކް ލީޑަރޝިޕް ޕްރޮގްރާމް (2025)ގެ ދަސްވެނިއެކެވެ.
"ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2025″ގެ ކީނޯޓް ސްޕީކަރ ޑރ. މުޙައްމަދު ފައިސަލް ބިން މުސްތަފާ ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާ މަޢުޞޫއަކީ "ސުމޭކު ޒަކާތް: ޓެކްނޮލަޖީ މެދުވެރިކޮށް ޒަކާތުގެ ނިޒާމުގެ ހާމަކަން އިތުރުކުރުން" އެވެ. މި ކީނޯޓުގައި ބުލޮކްޗެއިން، އޭ.އައި އަދި ސުމޭކުގެ މަންސަތައް ބޭނުންކޮށްގެން މުޢުތަބަރު، ދެފުށްފެންނަށް އަދި ޝާމިލު ގޮތެއްގައި ހިނގާ ޒަކާތުގެ ނިޒާމެއް ޤާއިމުކުރުމަށް ޓަކައި ގެނެވިދާނެ އިންޤިލާބީ ބަދަލުތަކާ މެދު އަލިއަޅުވައިލެވޭނެއެވެ. އެގޮތުން މެލޭޝިއާއާއި އިންޑޮނޭޝިއާއި ސައޫދީ ޢަރަބިއްޔާ ފަދަ ގައުމުތަކުން މިސާލުތައް ގެނެސްދެވޭނެއެވެ. ޑރ.މުޙައްމަދު ފައިސަލް ބައިވެރިވެ ވަޑައިގަންނަވާނީ ކޮންފަރެންސްގެ ދެވަނަ ޕެނަލް ޑިސްކަޝަންގައެވެ.
ކޮންފަރެންސްގެ ދެވަނަ ޕެނަލް ޑިސްކަޝަންގައި ޒަކާތުގެ ޒަމާނީ ހިންގުމުގެ ނިޒާމަށް، ފިންޓެކްގެ އައު ހޯދުންތަކުން ގެނެވިދާނޭ އިންގިލާބީ ބަދަލާއި މެދު މަޝްވަރާކުރެވޭނެއެވެ. އަދުގެ ދުނިޔޭގައި މި ނިޒާމު ތަރައްޤީކޮށްފައިވާ ޤައުމުތައް ކަމުގައިވާ އިންޑޮނޭޝިއާ، ސައޫދީ އަރަބިޔާ އަދި މެލޭޝީއާ ފަދަ ޤައުމުތަކުން، ސްމާޓް ކޮންޓްރެކްޓާއި، އޭ.އައި ބޭނުންކޮށްގެން ޒަކާތުގެ ބެހެނިވެރިން ދެނެގަތުމާއި، ޒަކާތުގެ މޮބައިލް އެޕްލިކޭޝަންތައް ބޭނުންކޮށްގެން، ޒަކާތުގެ ދެފުށްފެންނަ ނިޒާމެއް ކުރިއަރުވައި، ޚިދުމަތުގެ ދުވެލި އަވަސްކޮށް ގިނަބަޔަކަށް އޭގެ މަންފާ ފޯރާނެ ގޮތުގެ ނަމޫނާތައް ހާމަކޮށްދޭނެއެވެ. ސުމޭކުގެ ވަސީލަތްތަކުގެ ބޭނުންކޮށްގެން ރައްޔިތުން އިތުބާރު ހޯދުމާއި، ޝަރުޢީ އަސާސުތަކާ އެއްގޮތްކުރުމާއި، އެންމެ އެކަހެރި މުޖުތަމަޢުތަކަށް އެންމެ ފައިދާކުރާނެ ގޮތަށް ޒަކާތުގެ ނިޒާމު ހަރުދަނާކުރެވިދާނެ ގޮތްތަކަށް ބަލައިލެވޭނެއެވެ.
ބައިނަލްއަޤުވާމީ ފެންވަރުގައި ކުރިއަށްގެންދާ ދެވަނަ ޒަކާތު ކޮންފަރެންސް، އިންޓަރނޭޝަަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް)ގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ ސުންގަޑި އަކީ 21 އޯގަސްޓު 2025 (މާދަމާ) 18:00 އެވެ. މިމަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޒަކާތު މަހާސިންތާގައި ބައިވެރިވާން ބޭނުންވާ އާންމު ފަރުދުންނަށްވެސް އެފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އިންޒެކްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، މަޢުލޫމާތު ކަރުދާހާއެކު ތައްޔާރު ކުރެވިފައިވާ ގޫގުލް ލިންކު https://forms.gle/xRcrmAgDUL9GwUvcA މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެއެވެ.