Eng

ރާއްޖޭގައި ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާ: ވަޒީރު ޑރ. ޝަހީމް

ދިވެހިރާއްޖޭގައި ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތު ހައުސް ކުރިއެރުވުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު އަދި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޗެއަރމަން ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް "އިންޒެކް 2025″ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިޒުގެ ޚާއްޞަ އިސްކަމެއް ދެއްވާކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރަށް ޒަކާތަށް ޚާއްޞަ އިދާރާއެއް ޤާއިމްކޮށްދެއްވާ ޒަކާތާ ގުޅުންހުރި ކަންކަން ހަރުދަނާ ކުރުމަށް މުހިންމު ފިޔަވަޅެއް އެޅުއްވިކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. ވަޒީރު ވިދާޅުވީ، ޒަކާތު ހައުސްއިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަމަށާއި މި ކާމިޔާބީގައި ދެމި ތިބުމަށް  ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. ހަމައެއާއެކު ފުރަތަމަ ފަހަރަށް ޒަކާތާއި ގުޅުންހުރި ބިލެއް ފަރުމާކުރެވި، މަޖިލީހަށް ހުށަހެޅުމަކީ ޒަކާތުގެ ނިޒާމަށް ދީފައިވާ އަހަންމިއްޔަތު ފާހަގަވެގެންދާ ކަމެއްކަން ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ޤާނޫނަކީ ދުނިޔޭގެ އެންމެ ފަހުގެ ޢިލްމީ ތަޖުރިބާގެ މައްޗަށް ފަރުމާ ކުރެވިފައިވާ ޤާނޫނެއް ކަންވެސް ވަޒީރުގެ ވާޙަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

އިސްލާމީކަންތައްތަކާ ބޭހޭ ވުޒާރާގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދާ "އިންޒެކް 2025″ ޝަރަފްވެރިކޮށްދެއްވީ އެސޯސިއޭޓް ޑީން ފޮރ ސްޓޫޑަންޓްސް އެންޑް އިންޓަނަލައިޒޭޝަން، އިންޓަރނޭޝަނަލް ސެނޓަރ ފޮރ އިސްލާމިކް ފައިނޭންސް، މެލޭޝިއާ ޕްރޮފެސަރ ޑރ.އައިޝަތު މުނީޒާއެވެ. އެކަމަނާ ވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ރާއްޖޭގައި ޒަކާތުގެ ނިޒާމު ކުރިއަރުވާ، އާންމުން ޒަކާތުގެ ނިޒާމަށް ހޭލުންތެރި ކުރުމަށް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަ ކުރައްވާ އެކަމަށް މަރުޙަބާ ދަންނަވާފައެވެ.

އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް، އިންޒެކް 2025 އަކީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިސްނަގައިގެން، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ޢިލްމުވެރިންނާއި، މި މަސައްކަތުގައި އުޅޭ ބޭފުޅުންނާއި، ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން ގުޅިގެން، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށް ޓަކައި މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ

.ރާއްޖޭގައި ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސްއެއް ފުރަތަމަ ފަހަރަށް ބާއްވާފައިވަނީ 2024 ވަނަ އަރުގައެވެ.

ހިއްސާކުރައްވާ