ދިވެހިރާއްޖޭގެ ޒަކާތުހައުސްއިން އިސްނަގައިގެން ބައިނަލްއަޤުވާމީ ފެންވަރުގައި ކުރިއަށްގެންދާ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް، "އިންޒެކް 2025″ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ މި ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު ހެނދުނު ޙާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެސޯސިއޭޓް ޑީން ފޮރ ސްޓޫޑަންޓްސް އެންޑް އިންޓަނަލައިޒޭޝަން، އިންޓަރނޭޝަނަލް ސެނޓަރ ފޮރ އިސްލާމިކް ފައިނޭންސް މެލޭޝިއާ، ޕްރޮފެސަރ ޑރ.އައިޝަތު މުނީޒާއެވެ.
ކޮންފަރެންސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު އަދި ދިވެހި ރާއްޖޭގެ ޒަކާތު ހައުސްގެ ޗެއަރމަން ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ޖަލްސާގެ ޝަރަފްވެރި މެހެމާން، ޕްރޮފެސަރ ޑރ.އައިޝަތު މުނީޒާ އަދި ޒަކާތު ހައުސްގެ ޑިރކްޓަރ ޖެނެރަލް އައްޝައިޚް ޢިއްޒައްދީން ޢަދުނާންވެސް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވިއެވެ.
މިރެއާއި ހަމައަށް ކުރިއަށްދިޔަ މި ކޮންފަރެންސްގައި، 4 ކީނޯޓް ސްޕީކަރުންގެ ވާހަކަފުޅު ދެއްކެވުމާއި 4 ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. ޢާންމުންނަށް ބައިވެރި ވެވޭގޮތަށް ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގައި ކޮންމެ ޕެނަލް ޑިސްކަޝަން އަކަށްފަހު އޯޑިއަންސް އިން ސުވާލު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ބައިނަލްއަޤުވާމީ ފެންވަރުގައި ޒަކާތު ކޮންފަރެންސްއެއް ބޭއްވުމުގެ މަޤުސަދަކީ، ޒަމާނަށް ފެތޭފަދަ ހަރުދަނާ ޒަކާތުގެ އޮނިގަނޑެއް އުފެއްދުމާއި، މި ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެވެ. މި ކޮންފަރެންސްގައި ރާއްޖޭގެ އެކި މުއައްސަސާތަކުންނާއި މެލޭޝިޔާގެ ބައެއް އިންސްޓިޓިއުޓްގެ ޕްރޮފެސަރުން ބައިވެރިވެވަޑައިގެންނެވިއިރު، ޕެނެލިސްޓުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންނާއި، އިސްލާމިކް ފައިނޭންސްއާއި އިޤްތިޞާދީ ދާއިރާގެ މާހިރުން ބައިވެރިވެލެއްވިއެވެ. އިންޒެކް 2025 އަކީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ކާމިޔާބު ކަމާއެކު ކުރިއަށްގެންދިޔަ ދެވަނަ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާއެވެ.