އިސްލާމިކް މިނިސްޓްރީއާއި އެމް.އައި.ބީ އާއި ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި

ޒަކާތު ފަންޑު، އަވްޤާފް ފަންޑު އަދި ޙައްޖު ފަންޑު ތަރައްޤީ ކުރުމަށް މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އާއި މޯލްޑިވްސް އިސްލާމިކް ބެންކު (އެމް.އައި.ބީ) އާއި ދެމެދު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމް.އޯ.ޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި އެމް.އައި.ބީގެ ފަރާތުން ސޮއި ކުރެއްވީ އެ ބެންކުގެ ސީއީއޯ، މުފައްދަލް އިދުރިސް ޚުމްރީއެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ޒަކާތު ފަންޑު އިތުރަށް ތަރައްޤީކޮށް ރައްޔިތުންނަށް ފަސޭތަކެއް ހޯއްދަވައި ދެއްވަން ހިމަނުއްވަވައިފައިވެއެވެ. ރައީސް ޑރ. މުޢިއްޒު ދާދި ފަހުން "މޯލްޑިވްސް ޒަކާތު ހައުސް" އިފްތިތާހްކޮށްދެއްވައިފައިވާ އިރު، ޒަކާތު ފަންޑު އިތުރަށް ތަރައްގީކޮށް އެހީ ބޭނުންވާ ފަރާތްތަކަށް އެ މަގު ފަހިކޮށްދިނުމަކީވެސް އެ މަނިކުފާނުގެ މެނިފެސްޓޯގައި އަހަންމިއްޔަތު ކަމެއް ދެއްވާފައިވާ ކަމެކެވެ. މީގެ އިތުރުން ވަޤުފްގެ މަޝްރޫޢުތައް ހުރިހާ އަތޮޅެއްގައި ހިންގުމަށްވެސް މެނިފެސްޓޯގައި ހިމަނުއްވަވައިފައިވެއެވެ.

އިސްލާމިކް މިނިސްޓްރީއިން ރަށު ވަޤުފާއި އަތޮޅު ވަޤުފްގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ކައުންސިލްތަކާއިއެކު ދަނީ ގިނަ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަމުންނެވެ. މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގައި ދީނީ ތަޢްލީމުދޭ ތަންތަން އިތުރުކޮށް ރައްޔިތުންނަށް އިތުރު ފަސޭހަގޮތްތަކެއް ހޯދައިދެވިގެންދާނެއެވެ.

ހިއްސާކުރައްވާ