ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާޙުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ އިސްލާމީ ޝަރީޢަތުގެ އަލީގައި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ޤާއިމްކުރެވޭ ޒަކާތާއި ޞަދަޤާތުގެ ޢަދުލުވެރި އަދި ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން، ޒަކާތްނެގުމާއި އޭގެ ބެހެނިވެރިންނަށް ފޯރުކޮށްދިނުމާއި ފުދުންތެރި މުޖުތަމަޢެއް ބީނާކުރުމުގެ ދަށުން ދިވެހިރާއްޖޭގެ ޒަކާތު ހައުސް މިއަދު އިފްތިތާޙުކޮށްފިއެވެ. ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާޙުކުރުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވާފައިވަނ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާޙުކޮށްފައިވަނީ އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ޙަފްލާއެއްގައެވެ. މި ޙަފްލާގައި ވަޒީރުންނާއި، ސަރުކާރުގެ ވުޒާރާތުގެ އިސް ވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ލޯގޯއާއި ކުލަ މި ހަފްލާގައި ދައްކާލައިފައިވާ އިރު، ޒަކާތުގެ މުހިންމުކަން އަންގައިދޭ ވީޑިއޯ ރިޕޯޓެއްވެސް ގެނެސްދީފައިވެއެވެ.
މި ޙަފްލާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. ވަޒީރު ޑރ. ޝަހީމް ވަނީ، ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެއްދެވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ވަޒީރު ޑރ. ޝަހީމް ވަނީ ޒަކާތު ހައުސްއެއް ރާއްޖޭގައި ޤާއިމްކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތް ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވާ އަގު ވަޒަންކުރައްވައިފައެވެ.

ހިއްސާކުރައްވާ