ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިތުރަށް ތަރައްޤީކުރުމާ ގުޅޭގޮތުން ކުވައިތާއެކު މަޝްވަރާކޮށްފި

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ސައުދީ ޢަރަބިއްޔާގައި މިހާރު ކުރިއަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ.

އެގޮތުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ކުވައިތުގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ޑރ. މާޖިދު ސުލައިމާން އަލްއާޒިމީއާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީކުރުމާއި މުވައްޒަފުންނާއި ޝަރީޢާ ބޯރޑް ތަމްރީނު ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޒަކާތުގެ ބެހެނިވެރިންގެ ޝަރުޢީ މިންގަނޑުތަކާ ބެހޭގޮތުންވެސް މަޝްވަރާކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޒަކާތުގެ ކަންކަން މަތިވެރިކޮށް، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްދަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ އާއި ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ވަރަށް ފުޅާދާއިރާއެއްގައި ކުރެވެމުންނެވެ.

ހިއްސާކުރައްވާ