މުދަލު ޒަކާތަށް ޚާއްސަކޮށްގެން އާންމުންނަށް ހުޅުވާލައިގެން ދަރުހެއް

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން 28 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ ރޭ 20:30 ން 22:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މުދަލު ޒަކާތަށް ޚާއްސަ ދަރުހެއް ބޭއްވުމަށް ވަނީ އިންތިޒާމުކުރެވިފައެވެ.

ޒަކާތު ދަރުސް ދެއްވާނީ، ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނެވެ. ދަރުހުގެ މައުޟޫޢުއެއްކަމަށް ކަނޑައަޅާފައިވަނީ "ޒަކާތް: މުދާ ޠާހިރުކޮށް ބަރަކާތް އިތުރުކޮށްދޭ" މި މައުޟޫޢުއަށެވެ. މި ދަރުހުގެ ބައިވެރިންނަށް ޒަކާތުގެ ޙުކުމްތަކާއި، އިސްލާމީ ހަޞާރަތް ފެށިގެން އައި އިރު ޒަކާތުގެ ނިޒާމު އަދާކުރި ދަޢުރާއި، ޒަކާތުގެ ނިޒާމުން އިޤްތިޞާދަށް ކުރާ ފައިދާ އެގިގެންދާނެއެވެ. އަދި ޒަކާތް ނެރުން ވާޖިބުވާ މުދަލުގެ ބާވަތްތަކާއި ނެރެންޖެހޭ ގޮތުގެ މަޢުލޫމާތުތައް ފޯރުކޮށްދެވޭނެއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ޒަކާތާ ގުޅޭ ގޮތުން މުޖުތަމަޢުގައި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ހިންގަމުންދާ "ޒަކާތު އެވެއަރނަސް ޕްރޮގްރާމް" ގެ ދަށުން މާލެއާއި އަތޮޅުތެރޭގައި ސަރުކާރުގެ އިދާރާތަކަށާއި، ސްކޫލް ދަރުވަރުން އަދި ޢާންމު ފަރުދުންނަށް މަޢުލޫމާތު ސެޝަންތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. ދިވެހިރާއްޖޭގައި ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ޒަކާތު ހައުސް އިފްތިތާޙު ކުރެވުނުފަހުން ޒަކާތަށް އާއްމުން ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

 

ހިއްސާކުރައްވާ