"އިންޒެކް 2024″ އަށް ތައްޔާރުވުމުގެ ގޮތުން ކަމާގުޅުންހުރި އިދާރާތަކާއެކު ބައްދަލުވުން ކުރިއަށް ގެންގޮސްފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން މި ނޮވެމްބަރު 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލް އަޤުވާމީ ޒަކާތު ކޮންފަރެންސް (އިންޒެކް 2024) އަށް ތައްޔާރުވުމުގެ ގޮތުން ކަމާގުޅުންހުރި އިދާރާތަކާއެކު ބައްދަލުވުންތަކެއް ބާއްވައިފިއެވެ.
އެގޮތުން ޒަކާތު ހައުސްއިން ބައްދަލުކޮށްފައިވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ އަދި މާލީ ވުޒާރާ އެވެ. މި ބައްދަލުވުންތަކުގައި ޒަކާތުހައުސް އިން ވަނީ އެ އިދާރާތަކަށް މަހާސިންތާގައި ބައިވެރިވުމަށް ދަޢުވަތު ދެއްވާފައިއެވެ.
"އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް 2024″ އަކީ ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ބޭއްވޭ ބައިނަލް އަޤުވާމީ ފުރަތަމަ ޒަކާތު ކޮންފަރެންސްއެވެ. މި ކޮންފަރެންސްގެ އަލީގައި ޒަކާތު ނިޒާމު އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތައް ދެނެގަނެވޭނެއެވެ. ޒަކާތު ހައުސްއިން ވަނީ މީގެ ކުރިންވެސް "އިންޒެކް 2024″ އާއި ގުޅިގެން މުއައްސަސާތަކާއެކު މުހިންމު ބައްދަލުވުން ތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޕެންޝަން އޮފީސް، އިސްލާމިކް ބޭންކް، ކެޕިޓަލް މާކެޓް ޑިވޮލޮޕްމަންޓް ހިމެނެއެވެ.

ހިއްސާކުރައްވާ