7 އަހަރުގެ މެދުކެނޑުމަކަށްފަހު ޒަކާތު ސްކޮލަރޝިޕް ހަވާލުކުރުމަށް ބާއްވާ ތާރީޚީ ޙަފްލާ 16 އޮގަސްޓު 2025ވާ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިފަހަރު ސްކޮލަރޝިޕް ދިނުމަށް ހަމަޖެހިފައިވަނީ އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމް ޙާސިލްކުރުމަށްކަމަށާއި، މިއީ އިސްލާމީ ދާއިރާތަކުން މިހާ ގިނަ އަދަދަކަށް މަތީ ތަޢުލީމަށް ސްކޮލަރޝިޕް ދެވޭ ފުރަތަމަ ފަހަރުކަމަށެވެ.
ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް، ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ އޭޕްރިލްމަހުއެވެ. އަދި ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ޒަކާތު ފަންޑުން ހުޅުވާލާފައިވަނީ 50 ސްކޮލަރޝިޕް ފުރުޞަތެވެ. މީގެ ތެރެއިން 20 ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖޭގައި ކިޔެވުމަށެވެ. އަނެއް 30 ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖެއިން ބޭރުގައި ކިޔެވުމަށެވެ. އެއީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރަބިއްޔާ، މިސްރުގެ އިތުރުން ސާކް ޤައުމުތަކުގައި ކިޔެވުމަށެވެ. އެގޮތުން މެލޭޝިއާ އާއި ބުރުނާއީގައި ކިޔެވުމަށް 17 ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ސްކޮލަރޝިޕަށް ފުރުޞަތު ހުޅުވާލުމުން 29 ފަރާތަކުން ވަނީ އެޕްލިކޭޝަން ހުށައަޅާފައެވެ. އޭގެތެރޭގައި ހިމެނެނީ މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ސްކޮލަރޝިޕަށް އެދި ހުށަހެޅި 18 އެޕްލިކޭޝަނާއި، ޚާއްސަ ސްކޮލަރޝިޕަށް އެދި ހުށަހެޅި 11 އެޕްލިކޭޝަނެވެ.