ޒަކާތަށް ސަރުކާރު މުވައްޒަފުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ހޭލުންތެރިކުރުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ކުރިއަށް ގެންދާ ޕްރޮގުރާމުތަކުގެ ތެރެއިން މޮލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ޒަކާތަށް ހޭލުންތެރިކުރުމުގެ ސެޝަނެއް އެމްޕީއެލްގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަނުގައި ގިނަ އަދަދެއްގެ މުވައްޒަފުންވަނީ ބައިވެރިވެފައިވެއެވެ.
ޒަކާތާއި ގުޅޭ މި ސެޝަންގައި މައުލޫމާތު ދެއްވީ ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު އައްޝައިޚް ޢިއްޒައްދީން ޢަދްނާން އަދި އެކްޓިންގް ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު އައްޝައިޚް މޫސާ މުޢިއްޒުއެވެ. މި ސެޝަނަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން އެއް ރުކުން ކަމުގައިވާ ޒަކާތާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދިޔަ ސެޝަނެކެވެ. އެގޮތުން، މުދާ ޠާހިރުކުރުމާއި، މުޖުތަމައުގެ ފަގީރުންނާއި މުއްސަނދިންގެ ދެމެދުގައިވާ ތަފާތު ކުޑަކުރުމާއި، މުޖުތަމައުގެ ލާބައަށް މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މި ސެޝަނުގައި މައުލޫމާތު ދީފައިވެއެވެ. އަދި މުދަލުގެ ޒަކާތަކީ ކޮބައިކަމާއި އޭގެ މުހިންމުކަން، މުދަލުގެ ޒަކާތް ނެގުމުގައި އަމަލުކުރާނެ ގޮތް އަދި ދިވެހިރާއްޖޭގައި ޒަކާތް ދެއްކުމަށް ހަމަޖެހިފައިވާ ނިޒާމާ ގުޅޭ ތަފްސީލީ މައުލޫމަތު ހިއްސާކޮށްފައިވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން 'ދިވެހިރާއްޖޭގެ ޒަކާތު ހައުސް' އިފްތިތާޙްކޮށްދެއްވީ 28 ޑިސެމްބަރު 2024 ގައެވެ. އޭގެ ފަހުން ޒަކާތުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށާއި، އާއްމުން ޒަކާތަށް ހޭލުންތެރިކުރުވުމަށް ޒަކާތު ހައުސްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެދިގެން އައި ހިސާބުން ޒަކާތަށް އާންމުންނާއި، ސްކޫލް އަދި ޔުނިވަރސިޓީ ތަކުގެ ދަރިވަރުން ހޭލުންތެރި ކުރުމުގެ ގޮތުން ސެޝަންތައް ދަނީ ނަގައިދެމުންނެވެ. އެގޮތުން އަތޮޅުތެރެ އާއި މާލޭގެ ސްކޫލްތަކާއި ސެޝަންތަކެއްވެސް ޒަކާތު ހައުސްގެ ފަރާތުން ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް 2 ވަނަ ބައިނަލްއަގުވާމީ ޒަކާތު މަހާސިންތާ ބާއްވަން އަންނަނީ ތައްޔާރީތައް ވަމުންނެވެ.