ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޗެއަރމަނގެ ބަސް

327677_b68e7abd-4_

ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ޗެއާރމަން

الحمدُ لله ربِّ العاَلمِين، والصَّلاةُ والسَّلامُ على نبيِّنا مُحمّدٍ وعلى آله وأصحَابه أجْمعين، ومَن تَبِعهُم بِإحسانٍ إلى يوم الدِّين، وبعد:

އިސްލާމްދީނުގައި މުދަލު ޒަކާތް ފަރުޟުކުރައްވައިފައި ވަނީ ވަރަށް މަތިވެރި ޙިކުމަތަކަށް ޓަކައެވެ. ޒަކާތަކީ މުޖުތަމަޢުގައި އިޖުތިމާޢީ ޢަދާލަތު ޤާއިމުކޮށް ފަޤީރުކަން ނައްތައިލާނެ މާލީ ނިޒާމެކެވެ. މުދަލުން ޒަކާތް ނެރުމަކީ އިސްލާމްދީނުގެ ތިންވަނަ ރުކުނެވެ.  ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ދަށުން ހިންގާގޮތައް ޒަކާތަށް ޚާއްޞަ އިދާރާއެއް ދިވެހި ރާއްޖޭގައި ޤާއިމު ކުރެއްވުމަކީ، އިސްލާމްދީނުގެ ތިންވަރަ ރުކުން ނަގަހައްޓައި ދެމެހެއްޓުމަށް ޢިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެކެވެ. އެކަމަށްޓަކައި އެމަނިކުފާނަށް ނުހަނު އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

މުދަލުން ޒަކާތް ނެރުމަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން ތިންވަނަ ރުކުނެވެ. މުދަލުން ޒަކާތް ނެރުން ފަރުޟު ވުމުގެ ސަބަބުން އިސްލާމީ އުންމަތުގެ އިޖުތިމާޢީ ޙާލަތާއި އިޤުތިޞާދީ ޙާލަތު ރަނގަޅުވެއެވެ. އިސްލާމްދީނުގެ ރުކުންތަކުގެތެރެއިން ޙާލަތާއި ވަގުތާއި ޙައްޤުވެރިންގެ ޙާޖަތާއި މަޞްލަޙަތަށް ބަލައި، އެންމެ ބޮޑަށް ތަނަވަސްކޮށް ފުޅާ ކުރެވެން އޮތް ރުކުނަކީ ޒަކާތުގެ ރުކުން ކަން ފާހަގަކުރެވެއެވެ. މި ގޮތުން؛ ދުނިޔޭގެ އަދުގެ ޙާލަތާ ގުޅިގެން ޒަކާތުގެ ޙައްޤުވެރިންގެ މަފްހޫމަށް ތަނަވަސް ބަދަލުތަކެއް ގެނެސް؛ އިސްލާމީ ގިނަ ޤައުމުތަކެއްގައި އެއަށް ޢަމަލު ކުރަމުން އަންނަ ކަން  ފާހަގަކުރަމެވެ. ޒަކާތަކީ އިޖުތިމާޢީ އެއްބައިވަންތަކަން ޤާއިމު ކުރުމަށް ޓަކައި ކަނޑައެޅިގެންވާ މާލީ ނިޒާމެކެވެ. އެއީ ފަޤީރުކަމުގެ ދާއިމީ ޙައްލެވެ. ދުނިޔޭގެ އެހެން ވަޟުޢީ ފަލްސަފާއެއްގައި ނުވަތަ ޤާނޫނެއްގައި ވެސް އިސްލާމްދީނުގައިވާ ޒަކާތުގެ ނިޒާމު ފަދަ އިޖުތިމާޢީ މާލީ ނިޒާމެއް ނުވެއެވެ.

މުދަލު ޒަކާތް ޙައްޤު ގޮތުގައި ނެރެވި، ހައްޤު ގޮތުގައި އޭގެ އަހުލުވެރިންނަށް ފޯރުކޮށްދެވިއްޖެ ނަމަ، އިޖުތިމާޢީ ޢަދާލަތު ޤާއިމުވެ އިސްލާމީ އުންމަތުން ފަޤީރުކަން ނެތޭނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. މާތް ﷲ އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އަމާނާތްތެރިކަމާއެކު ޒަކާތާ ގުޅޭ ކަންކަން ހިންގައި ބަލަހައްޓާނެއެވެ. ހޭލުންތެރިކަން އިތުރުކޮށް، ޒަކާތާ ގުޅޭ މައުލޫމާތު މުޖުތަމަޢަށް ފޯރުކޮށްދީ އަމާނާތްތެރިކަމާއެކު ޒަކާތުގެ ޙައްޤުވެރިންނަށް އެއުރެންގެ ޙައްޤުތައް ފޯރުކޮށްދޭނެއެވެ. ދެފުށް ފެންނަ ގޮތުގައި ޒަކާތުގެ ކަންކަން ހިންގައި ބަލަހައްޓާނެއެވެ. ދުޢާއަކީ މާތް ﷲ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ކާމިޔާބު މިންވަރުކުރެއްވުމެވެ. އާމީން.

25 ޖެނުއަރީ 2024

ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޗެއާމަން