އިސްލާމީ ޝަރީޢަތުގައި ޒަކާތް ދިނުމުގެ ޙުކުމަކީ ކޮބައިތޯ؟

ޒަކާތް ދެއްކުމަކީ، ޒަކާތް ވާޖިބުވުމުގެ ޝަރުތުތައް ފުރިހަމަވެއްޖެ ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. ޒަކާތް ދެއްކުމަކީ ފަރުޟެއްކަން ކީރިތި ޤުއާނާއި މާތް ރަސޫލާގެ ސުންނަތާއި ޢިލްމުވެރިންގެ ޢިޖުމާޢިން ދަލީލުކޮށް ދެއެވެ.

1- ދަލީލު ކީރިތި ޤުރުއާނުން : "وَأَقِيمُواْ الصَّلاَةَ وَآتُواْ الزَّكَاةَ وَارْكَعُواْ مَعَ الرَّاكِعِينَ" سورة البقرة 43
މާނައަކީ "އަދި ތިޔަބައިމީހުން ނަމާދު ޤާއިމް ކުރާށެވެ! އަދި ތިޔަބައިމީހުން ޒަކާތް ދޭށެވެ! އަދި ރުކޫޢު ކުރާ މީހުންނާ އެކުގައި ތިޔަބައިމީހުން ރުކޫޢު ކުރާށެވެ."

2- ދަލީލު ޙަދީޘް ބަސްފުޅުން : "بُنِيَ الإسلامُ على خمسٍ شَهادةِ أن لا إلَهَ إلَّا اللَّهُ وأنَّ محمَّدًا رسولُ اللَّهِ وإقامِ الصَّلاةِ وإيتاءِ الزَّكاةِ وصَومِ رمضانَ وحجِّ البيتِ لمنِ استطاعَ إليهِ سبيلًا" أخرجه البخاري (8)، ومسلم (16).  މާނައަކީ "އިސްލާމްދީން ބިނާ ވެގެންވަނީ 5 ކަމެއްގެ މައްޗަށެވެ. އެއީ މާތްﷲ ނޫން އެހެން އިލާހެއް ނުވާ ކަމަށް ހެކިވުމާއި، އަދި ހަމަ ކަށަވަރުން މުޙައްމަދުގެފާނީ ﷲގެ ރަސޫލާ ކަމަށް ހެކިވުމާއި، ނަމާދު ޤާއިމު ކުރުމާއި، ޒަކާތް ދިނުމާއި، ރަމަޟާން މަހު ރޯދަ ހިފުމާއި، އަދި ގެފުޅަށް ދިއުމަށް ކުޅަދާނަކަން ލިބިފައިވާ މީހާ ހައްޖުވުމެވެ."

3- ޢިލްމުވެރީންގެ ޢިޖްމާޢުން : ޒަކާތް ދެއްކުން ވާޖިބު ކަމާމެދު އުއްމަތުގެ ހުރިހާ ޢިލްމުވެރީން އެއްބަސްވެ ވަޑައިގަންނަވައެވެ. ޒަކާތް ދިނުމަށް އިންކާރުކޮށް މަނާވެގަތް މީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރެއްވުމަށް އަބޫބަކުރުގެފާނު ނިންމެވުމުން ހުރިހާ އަޞްޙާބު ބޭކަލުން، އެކަމަށް އެކަލޭގެފާނާއި އެއްބަސްވެ ވަޑައިގެންނެވިއެވެ. المغني(2/573).

ހިއްސާކުރައްވާ

އިތުރު ސުވާލުތައް