ޒަކާތް ދެއްކުމަށް އިންކާރު ކުރާ މީހާގެ ޙުކުމަކީ ކޮބާ؟

ޒަކާތް ދެއްކުން ވާޖިބު ކަމާއި، ފަރުޟު ކަމާމެދު އިންކާރު ކޮށްފިމީހާ ކާފިރުވާނެ ކަމަށް ޢިލްމުވެރިން އެއްބަސްވެއެވެ. އެހެނީ ޒަކާތަކީ އިސްލާމީނުގެ ރުކުންތަކުގެ ތެރެއިން 3 ވަނަ ރުކުނެވެ. އަދި އިސްލާމްދީން ބިނާވެފައިވާ މައިގަނޑު ފަސް އަސާސްތަކުގެ ތެރެއިން އެއް އަސާސެވެ.

ޒަކާތް ދެއްކުން ވާޖިބުކަމާއި ފަރުޟުކަމާ މެދު އިންކާރު ކުރުމެއްނެތި، އެހެންނަމަވެސް އެމީހެއްގެ ކިބައިގައިވާ ދަހިވެތިކަމުގެ ސަބަބުން ޒަކާތް ދެއްކުމަށް ދެކޮޅު ހަދައިފިނަމަ، އެމީހަކު ފާފަވެރިވާނެއެވެ. ދުނިޔެއާ އާޚިރަތުގައި އެމީހަކަށް މާތް ﷲގެ ކޯފާ ޙައްޤު ވެގެންވެއެވެ. އެއްވެސް ސަބަބަކާ ހުރެ މުސްލިމަކު ނުވަތަ މުސްލިމުންގެ ތެރެއިން ބަޔަކު ޒަކާތް ދެއްކުމަށް ދެކޮޅު ހަދައިފިނަމަ، ދައުލަތުގެ ފަރާތުން ބާރުގެ ބޭނުންކޮށްގެން ނަމަވެސް އެމީހުންގެ އަތުން ޒަކާތް ނެގުން ވާޖިބު ވެގެންވެއެވެ. އަދި އަބޫބަކުރުގެފާނުގެ ޚަލީފާ ކަމުގައި ޒަކާތް ދެއްކުމަށް އިންކާރު ކުރި މީހުންނާ ދެކޮޅަށް ހަނގުރާމަ ކުރެއްވިއެވެ. މި ހުރިހާ ދަލީލުތަކުން ވެސް އެނގެނީ ޒަކާތް ދެއްކުމަކީ ވާޖިބު ކަމެއް ކަމާއި، އަދި ޒަކާތް ދެއްކުމަށް ދެކޮޅު ހަދާ މީހުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށްގެން ނަމަވެސް، ޒަކާތުގެ ގޮތުގައި ލިބެންޖެހޭ ބައި އަތުލައި، އޭގެ ޙައްޤުވެރިންނަށް އަދާކޮށްދޭން ޖެހޭ ކަމެވެ.

ހިއްސާކުރައްވާ

އިތުރު ސުވާލުތައް