ބާލިޣު ނުވާ ކުޑަކުދީންނާއި ބުއްދި ފިލާފައިވާ މޮޔަ މީހުންގެ މައްޗަށް ޒަކާތް ދެއްކުން ވާޖިބު ވެގެން ނުވެއެވެ. އެހެންނަމަވެސް އެދެމީހުންގެ މުދަލުން ޒަކާތް ވާޖިބު ވުމުގެ ޝަރުތު ހަމަވާނަމަ، ޒަކާތް ދައްކަން ޖެހޭނެ ކަމަށް ޖުމްހޫރު ޢިލްމުވެރިން ދެކިލައްވައެވެ. މިއީ ޝާފިޢީ، މާލިކީ އަދި ހަންބަލީ މަޛްހަބުގެ އިމާމުން ދެކިލައްވާ ގޮތެވެ. އެދެމީހުންގެ ފަރާތުން ޒަކާތް ނެރޭނީ ބެލެނިވެރިޔާއެވެ. މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. {خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِمْ بِهَا..} މާނައަކީ "އޭގެ ސަބަބުން އެއުރެން ޠާހިރު ކުރައްވާނޭ، އަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ ޞަދަޤާތެއް އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ." މިއާޔަތުން އެނގޭ ގޮތުގައި ޒަކާތަކީ މުދަލުން ވާޖިބުވާ އެއްޗެކެވެ. އަދި މުދަލުން ކުރެވޭ އަޅުކަމެކެވެ. އެހެންވެ ޝަރުތު ހަމަވާނަމަ، މިސާލަކަށް ނިޞާބު ހަމަވުމާއި ހިޖުރީ ގޮތުން އަހަރު ފުރުމުން ޒަކާތް ދައްކަން ޖެހޭނެއެވެ.