މާމުއިން ޒަކާތް ނެރުމުގެ ޙުކުމަކީ ކޮބާ؟

މާމުއިން ޒަކާތް ނެރުމުގެ ޙުކުމާއި މެދު ޢިލްމުވެރިންވަނީ ޚިޔާލުތަފާތުވެފައެވެ. އެގޮތުން ބައެއް ޢިލްމުވެރިންވަނީ މާމުއިން ޒަކާތް ނެރެންޖެހޭނޭކަމަށް ވިދާޅުވެފައެވެ. އެހެނީ މުސްލިމުންގެ 2 ވަނަ ޚަލީފާ ޢުމަރުގެފާނުވެސް މާމުއިން ޒަކާތް ނެންގެވިއެވެ[1].

އަދި މި ބޭފުޅުން ގެންނަވާ ދަލީލުތަކުގެ ތެރޭގައި އިބްނު މާޖާ ޢަބްދުﷲ ބުން ޢަމްރޫގެ ކިބައިން ރިވާކުރައްވާފައިވާ މި ޙަދީޘް ބަސްފުޅުވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް މާމުއިން ދިހަ ބައިކުޅަ އެއް ބައި ޒަކާތުގެ ގޮތުގައި ނެންގެވިއެވެ"[2]. އަދި ހަމައެހެންމެ މާމުއިން ދިހަ ބައިކުޅަ އެއް ބައި ނެރެންޖެހޭކަމަށް އިޢްތިބާރާއި ޤިޔާސްއިންވެސް ދިލީލު ލިބެއެވެ. އެހެނީ ގޮވާމާއި ކަދުރުން ޒަކާތް ވާޖިބުވީ ފަދައިން މާމުއިން ޒަކާތް ވާޖިބުވީ، މާމުޔަކީވެސް މިނެ ރައްކާކުރެވޭ އެއްޗެކަށް ވާތީއެވެ. އަދި ހަމައެހެންމެ މާމުޔަކީ ދަނޑުގޮވާން ހެއްދުމަށް ކުރަންޖެހޭ ޚަރަދު ކުރަންޖެހޭ އެއްޗަކަށް ނުވާތީއެވެ[3].

ނޯޓު: މާމުއި އެތެރެކޮށްގެން އޭގެ ވިޔަފާރި ކުރާ ކަމުގައިވާނަމަ، ޒަކާތް ދައްކަންޖެހޭނީ ވިޔަފާރި މުދަލުން ޒަކާތް ދައްކާ އުޞޫލުންނެވެ[4].

[1] رواه أبو داود (1600) والنسائي (2499).

[2] ابن ماجة (1824)

[3] زاد المعاد (1/314)

[4] نوازل الزكاة للدكتورعبدالله الغفيلي (ޞ112)

ހިއްސާކުރައްވާ

އިތުރު ސުވާލުތައް