ޒަކާތް ވާޖިބުވުމުގެ ޝަރުޠުތައް ހަމަވުމުން ލަސްކުރުމެއްނެތި އަވަހަށް ޒަކާތް ދެއްކުމަކީ އެމީހެއްގެ މައްޗަށް ވާޖިބު ކަމެކެވެ. އެހެންވެ ޒަކާތް ދައްކަން ޖެހޭ ވަޤުތު ޖެހުމަށްފަހު ޒަކާތް ނުދައްކާ ހުރެގެންނުވާނެއެވެ. އެހެނީ އެ މުދަލަކީ ބެހެނިވެރިންގެ ޙައްޤެކެވެ. އެ ޙައްޤު ނެރެންޖެހޭ ވަޤުތު ޖެހުމަށްފަހު، ޝަރުޢީ ބޮޑު އުޛުރަކާ ލައިގެން މެނުވީ ފަސްކޮށްފި މީހާ ފާފަވެރިވާނެއެވެ. އަންނަނިވި އާޔަތުން މިކަމަށް ދަލީލު ލިބެއެވެ. މާތް ﷲ ބަޤަރާ ސޫރަތުގެ 43 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައި ވެއެވެ.
وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَارْكَعُوا مَعَ الرَّاكِعِينَ.[1] سورة البقرة – الآية 43
މާނައަކީ " އަދި ތިޔަބައި މީހުން ނަމާދު ޤާއިމު ކުރާށެވެ! އަދި ތިޔަބައި މީހުން ޒަކާތް ދޭށެވެ. އަދި ރުކޫޢު ކުރާ މީހުންނާ އެކުގައި ތިޔަބައި މީހުން ރުކޫޢު ކުރާށެވެ!"
މިއާޔަތުގައިވާ އަމުރުގެ ޞީޢާއިން ދަލީލުކޮށްދެނީ ޒަކާތް ވާޖިބުވުމުން ލަސްކުރުމެއްނެތި ވަޤުތުން ޒަކާތް ދައްކައިގެން، ފަޤީރުންގެ ޙާޖަތުތައް ފުއްދައިދޭން ވާޖިބުވާ ކަމެވެ. ޒަކާތް ދެއްކުން އަވަސްކޮށްގެން މެނުވީ މިކަންކަން ފުރިހަމަ ނުކުރެވޭނެއެވެ.[2] ކީރިތި ރަސޫލު ﷺ ގެ ސުންނަތުގައި ވާރިދުވެފައި ވެއެވެ.
عُقْبةَ بنِ الحارث رَضي اللهُ عَنْه، قَالَ: صَلَّيتُ وراءَ النَّبيِّ صلَّى اللهُ عليه وسلَّمَ بالمدينةِ العَصْرَ، فسَلَّمَ ثمَّ قامَ مُسْرِعًا فتخَطَّى رِقابَ النَّاسِ إلى بعضِ حُجَرِ نِسَائهِ، ففَزِعَ الناسُ من سُرْعتِهِ، فخرَجَ عليهم، فرَأى أنَّهم قد عَجِبوا مِن سُرعتِهِ، قال: ذَكرتُ شيئًا من تِبْرٍ عندنا، فكَرِهتُ أن يحبِسَني، فأمَرْتُ بقسْمَتِهِ.[3] رواه البخاري
މާނައަކީ "عُقْبةَ بنِ الحارث رَضْي اللهُ عَنْه ވިދާޅުވިއެވެ، އަޅުގަނޑު ރަސޫލު ﷺ ގެ ފަހަތްޕުޅުގައި މަދީނާގައި ޢަޞްރު ނަމާދު ކުރީމެވެ. ނަމާދުން ސަލާމް ދިނުމަށްފަހު ތެދުވެ ވަޑައިގެން އަވަސްއަވަހަށް މީސްތަކުންގެ ތެރެއިން (ސަފުތަކުގެ މެދުން) ވަޑައިގެން ގޮސް އަނބިއަނިބި ކަނބަލުންގެ ތެރެއިން ބައެއް ބޭކަނބަލުންގެ ކޮޓަރިކޮޅު ތެރެއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަވަސް ކަމާހުރެ މީސްތަކުން ތިބީ ބިރުގެންފައިއެވެ. އެއަށްފަހު، މީސްތަކުންގެ ތެރެއަށް ނުކުމެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަވަސް ކަމާހުރެ މީސްތަކުން ވެފައިވާ ހައިރާންކަން އެކަލޭގެފާނަށް ފާހަގަ ވިއެވެ. ދެން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. " އަޅުގަނޑުމެންގެ އަތުގައިވާ (ބަހަންޖެހޭ) ރަންކޮޅެއްގެ މަތިން ހަނދާންވީއެވެ. އެ އެތިކޮޅު ނުބަހައި އޮތުމަށް ތިމަންކަލޭގެފާނު ނުރުހެމެވެ، އެހެންވެ އެބައްސަވާލެއްވުމަށް އެންގެވީއެވެ."
ޝަރުޠުތައް ހަމަވުމުން ލަސްކުރުމެއްނެތި އަވަހަށް ޒަކާތް ދެއްކުމަކީ އެމީހެއްގެ މައްޗަށް ވާޖިބެއް ކަމަށް އަލްއިމާމު އަޙްމަދު، އަލްއިމާމު މާލިކު އަދި ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެއެވެ.[4]
މި ދަލީލުތަކަށް ބަލާއިރު، މުސްލިމަކު އޭނާގެ މައްޗަށް ޒަކާތް ވާޖިބުވެ، ޒަކާތް ދެއްކުމުގެ ކުޅަދާނަކަން ލިބިގެން ވުމަށްފަހު، ޒަކާތް ނުދައްކާ ހުއްޓައި އެމުދާ (ފައިސާ) ގެއްލުނަސް ނުވަތަ ހަލާކުވިޔަސް ނުވަތަ ވަގަށް ނެގިޔަސް އެމީހެއްގެ ކިބައިން އެވާޖިބު ކެނޑިގެން ނުދާނެއެވެ.[5] އަދި ހަމަ އެހެންމެ ޒަކާތް ނުދައްކާ ހުއްޓައި އޭނަ މަރުވި ކަމުގައި ވިޔަސް އޭނާގެ ކިބައިން އެވާޖިބު ކެނޑިގެން ނުދާނެއެވެ. އެހެންވެ ވީހާ ވެސް އަވަހަކަށް ޒަކާތް ދެއްކުން ވާޖިބު ވެގެން ވެއެވެ. ޒަކާތް ނުދައްކާ ހުއްޓައި އޭނަ މަރުވެއްޖެ ނަމަ، އޭނަގެ ވާރުތަ މުދަލުން އެބައި ވަކިކޮށް، ޒަކާތް ނެރެން ޖެހޭނެއެވެ.[6] ސަބަބަކީ އެއީ އޭނާގެ މައްޗަށް އޮތް ދަރަންޏެއް ކަމުގައިވާތީއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައި ވެއެވެ.
عن عبد الله بن عباس رضي الله عنهما قال: جاء رجل إلى النبي صلى الله عليه وسلم فقال: يا رسول الله ،إن أمي ماتت وعليها صوم شهر. أفأقضيه عنها ؟ فقال: لو كان على أمك دين أكنت قاضيه عنها ؟ قال : نعم. قال : فدين الله أحق أن يقضى ."[7] أخرجه البخاري ومسلم
މާނައަކީ "عن عبد الله بن عباس رضي الله عنهما ވިދާޅުވިއެވެ. މީހަކު ކީރިތި ރަސޫލު ﷺ ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ހަމަކަށަވަރުން އަޅުގަނޑުގެ މަންނަ ނިޔާ ވެއްޖެއެވެ. އޭނާގެ މައްޗަށް 1 (އެކެއް) މަސްދުވަހުގެ ރޯދަ އެބަ އޮތެވެ. އަޅުގަނޑު އެ ރޯދަތައް ޤަޟާ ކުރަންވީތޯއެވެ؟ ހަދީޘް ކުރެއްވިއެވެ. ތިބާގެ މަންމަގެ މައްޗަށް ދަރަންޏެއް އޮތް ނަމަ، ތިބާ އެދަރަނި އަދާ ކުރާނަން ހެއްޔެވެ؟ ވިދާޅުވިއެވެ. އާދޭހެވެ. ހަދީޘް ކުރެއްވިއެވެ. މާތްﷲ އަށް އޮތް ދަރަނި އަދާކުރުން ހައްޤުކަން ބޮޑެވެ."
އެހެންނަމަވެސް، އިސްތިސްނާ ޙާލަތުގައި ޒަކާތް ދެއްކުން ލަސްކުރުމުގައި މަޞްލަޙަތު އޮތް ކަމުގައިވާނަމަ، ލަސްކުރެވިދާނެއެވެ. މިޘާލަކަށް، ރަށަށް އަންނަހުރި، ގާތްތިމާގަ މީހަކު އަންނަންދެން ލަސްކޮށްލުން ނުވަތަ ޒަކާތް ބޮޑަށް ޙައްޤުވާ ބަޔަކަށް ދިނުމަށްޓަކައި ލަސްކޮށްލުމެވެ. މިގޮތަށް ލަސްކުރާއިރު ވެސް އާދަކާދައިގައި ބަލާ މިންގަނޑަށްވުރެ، ލަސްކުރުން ހުއްދަ ވެގެން ނުވެއެވެ.[8]
ޟަރޫރީ ކަމެއް ދިމާވެގެން ޒަކާތް ނެރުން ލަސްކޮށްލުމަކީ ޖާއިޒު ކަމެކެވެ. އެގޮތުން ހިސާބު ހެދުމުގައި ލަސްވުން ނުވަތަ ޒަކާތް ޙައްޤުވާ މީހަކު ނެތުމުން، އެފަދަ މީހަކު ފެންނަންދެން ޒަކާތް ނުދައްކައި ލަސްކުރުން ހިމެނެއެވެ. މިޙާލަތުގައި ޒަކާތް ދެއްކުން ލަސްވުމުން އޭނާ ފާފަވެރިއެއް ނުވާނެއެނެއެވެ.
[1] – سورة البقرة – الآية 43
[2] – انظر: تحصين الماخذ للإمام الغزالي فقد ذكر أربع قرا 1-560
[3] – رواه أحمد في المسند 32-166 برقم 19425 , والبخاري في صحيحه 2-67 برقم 1221
[4] – انظر: المجموع النووي 5-335, المغني لابن قدامة 2-510
[5] – المغني لابن قدامة 2-511
[6] – انظر: المجموع النووي 5-336
[7] – أخرجه البخاري 3-35 برقم 1953, ومسلم 2-804 برقم 1221
[8] – انظر: المجموع النووي 5-336