ޒަކާތް ދެއްކުމަކީ ވާޖިބެއްކަން ކީރިތި ޤުރުއާނާއި، ކީރިތި ރަސޫލާ ﷺ ގެ ސުންނަތުން އަދި ދަންނަ ބޭކަލުންގެ އިޖުމާޢުން އެނގެއެވެ. އެގޮތުން ބަލާއިރު އިސްލާމްދީނުގައި ޒަކާތް ވާޖިބުކަން އެނގޭ ދަލީލުތަކުގެ ތެރެއިން ބައެއް ދަލީލުތައް ތިރީގައި މިވަނީއެވެ.
ފުރަތަމަ ދަލީލު : ކީރިތި ޤުރުއާނުން
فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ وَنُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ[1] سورة التوبة – الآية 11
މާނައަކީ "ފަހެ، އެއުރެން ތައުބާވެ، ނަމާދު ޤާއިމުކޮށް، ޒަކާތް ދީފިނަމަ، ފަހެ، އެއުރެންނީ، ދީނުގައި ތިޔަބައި މީހުންގެ އަޚުންނެވެ. އެނގޭބަޔަކަށް ތިމަންރަސްކަލާނގެ އާޔަތްތައް ތަފުޞީލުކޮށް ދެއްވަމެވެ." سورة التوبة – الآية 11
ދެވަނަ ދަލީލު : ރަސޫލު ﷺ ގެ ސުންނަތުން
عن ابن عمر رضي الله عنهما قال: سمعت رسول الله يقول: بُني الإسلام على خمس: شهادة أن لا إله إلا الله وأن محمداً رسول الله، وإقام الصلاة، وإيتاء الزكاة، والحج البيت، وصوم رمضان[2] رواه البخاري ومسلم
މާނައަކީ ابن عمر رضي الله تعالى عنهما ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. "އިސްލާމްދީން ބިނާވެގެންވަނީ ފަސް ރުކުނެއްގެ މައްޗަށެވެ. އެއީ ﷲ ނޫން އެހެން އިލާހަކު ނުވާ ކަމަށް ހެކިވުމާއި އަދި މުޙައްމަދުގެފާނަކީ އެކަލާނގެ ރަސޫލާ ކަމަށް ހެކިވުމާއި، ނަމާދު ޤާއިމު ކުރުމާއި، ޒަކާތް ދިނުމާއި، ގެފުޅުގައި (ކައުބާ) ގައި ޙައްޖުވުމާއި އަދި ރަމަޟާން މަހު ރޯދަ ހިފުމެވެ." رواه البخاري ومسلم
ތިންވަނަ ދަލީލު : ރަސޫލު ﷺ ގެ ސުންނަތުން
عن ابن عباس قال : قال رسول الله صلى الله عليه وسلم لمعاذ بن جبل حين بعثه إلى اليمن : " إنك ستأتي قوما أهل كتاب فإذا جئتهم فادعهم إلى أن يشهدوا أن لا إله إلا الله ، وأن محمدا رسول الله ، فإن هم أطاعوا لك بذلك ، فأخبرهم أن الله فرض عليهم خمس صلوات في كل يوم وليلة ، فإن هم أطاعوا لك بذلك ، فأخبرهم أن الله قد فرض عليهم صدقة تؤخذ من أغنيائهم فترد على فقرائهم "[3] رواه البخاري ومسلم
މާނައަކީ ابن عباس رضي الله تعالى عنهما ވިދާޅުވިއެވެ. ރީރިތި ރަސޫލާ ﷺ معاذ بن جبل رضي الله تعالى عنه ޔަމަނަށް ފުނުއްވިއިރު، އެކަލޭގެފާނަށް ޙަދީޘް ކުރެއްވިއެވެ. "ހަމަކަށަވަރުން ތިބާ ތިދަނީ ފޮތުގެ އަހުލުވެރިން ތިބި ތާކަށެވެ. އެމީހުންގެ ގާތަށް ދެވުމުން ފަހެ، ﷲ ނޫން އެހެން އިލާހަކު ނުވާކަމަށާއި އަދި މުޙައްމަދުގެފާނީ ﷲގެ ރަސޫލާ ކަމަށް ހެކިވުމަށް އެބައި މީހުންނަށް ދަޢުވަތު ދޭށެވެ. އެގޮތަށް އެމީހުން ކިޔަމަން ގަންފިނަމަ، ރެއާދުވާލު ކުރުމަށް ފަސް ނަމާދު الله سبحانه وتعالى ފަރުޟު ކުރައްވާފައިވާކަން އެމީހުންނަށް ބުނަދޭށެވެ. އެގޮތަށް އެމީހުން ކިޔަމަން ގަންފިނަމަ، އެމީހުންގެ ތަނަވަސް މީހުންގެ އަތުން ޞަދަޤާތް (ޒަކާތް) ނެގުމަށްފަހު އެމީހުންގެ ފަޤީރުންނަށް ރައްދުކުރުމަށް މާތްﷲ ވާޖިބު ކުރައްވާފައިވާކަން އެމީހުންނަށް އަންގައިދޭށެވެ." رواه البخاري ومسلم
ހަތަރުވަނަ ދަލީލު : އުއްމަތުގެ ޢިލްމުވެރިންގެ އިޖުމާޢުން
ޒަކާތް ވާޖިބު ވުމުގެ ޝަރުޠުތައް ހަމަވާނަމަ، މުސްލިމުން ޒަކާތް ދެއްކުން ވާޖިބުވާ ކަމަށް ޢިލްމުވެރިން އިއްތިފާޤު ވެއެވެ.[4]
[1] – سورة التوبة – الآية 11
[2] – رواه البخاري 11/1 العدد 8 – ومسلم 45/1 العدد 16
[3] – رواه البخاري 104/2 العدد 1395 – ومسلم 50/1 العدد 19
[4] – كتاب بدائع الصنائع في ترتيب الشرائع – أبو بكر بن مسعود الكاساني – 3/2. البيان في مذهب الإمام الشافعي – 132/3 وغيرها.