ގޮމާއި މޭވާއިން ޒަކާތް ދެއްކުން ވާޖިބުވާކަން ކީރިތި ޤުރުއާނާއި މާތް ރަސޫލު ﷺ ގެ ސުންނަތާއި އަދި ދަންނަބޭކަލުންގެ އިޖުމާޢުން ދަލީލު ލިބެއެވެ.
ގޮމާއި މޭވާއިން ޒަކާތް ދެއްކުން ވާޖިބުވާ ކަމުގެ ދަލީލު ކީރިތި ޤުރުއާނުން :
الأنعام ސޫރަތުގެ 141 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. وَهُوَ ٱلَّذِىٓ أَنشَأَ جَنَّٰتٍ مَّعْرُوشَٰتٍ وَغَيْرَ مَعْرُوشَٰتٍ وَٱلنَّخْلَ وَٱلزَّرْعَ مُخْتَلِفًا أُكُلُهُۥ وَٱلزَّيْتُونَ وَٱلرُّمَّانَ مُتَشَٰبِهًۭا وَغَيْرَ مُتَشَٰبِهٍۢ ۚ كُلُواْ مِن ثَمَرِهِۦٓ إِذَآ أَثْمَرَ وَءَاتُواْ حَقَّهُۥ يَوْمَ حَصَادِهِۦ ۖ وَلَا تُسْرِفُوٓاْ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ ﴿١٤١﴾
މާނައަކީ "އެކަލާނގެއީ، ފެތުރޭ ވެޔޮތަކާއި، ވެޔޮނޫން ގަސްތަކުގެ ބަގީޗާތަކާއި، އޭގެ މޭވާއާއި، އޮށްޓަރު ތަފާތުވެގެންވާ ޙާލު، ކަދުރާއި، ގޮވާމާއި، އެއްވައްތަރު ވެގެންވާ ޙާލު ގައްޔާއި، އެއްވައްތަރުވެގެން ނުވާ ޙާލުގައި، ޒައިތޫންޏާއި، އަންނާރު، އުފެއްދެވި ރަސްކަލާނގެއެވެ. އެ ގަސްތަކުން މޭވާ އަތުވެއްޖެނަމަ، އެ މޭވާއިން ތިޔަބައިމީހުން ކާށެވެ! އަދި ގޮވާން ކަނޑާ ދުވަހަކުން، އޭގެ ޒަކާތް ދޭށެވެ! އަދި ތިޔަބައިމީހުން އިސްރާފު ނުކުރާށެވެ! އެހެނީ ހަމަކަށަވަރުން، އިސްރާކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެއެވެ."
ގޮމާއި މޭވާއިން ޒަކާތް ދެއްކުން ވާޖިބުވާ ކަމުގެ ދަލީލު ކީރިތި ރަސޫލާ ﷺ ގެ ސުންނަތުން :
ރަސޫލު ﷺ ޙަދީޘް ބަސްފުޅެއްގައި އައިސްފައި ވެއެވެ. " فِيما سَقَتِ الأَنْهَارُ والْغَيْمُ الْعُشُورُ، وَفِيمَا سُقِيَ بِالسَّانِيَةِ[1] نِصْفُ الْعُشْرِ" رواه مسلم
މާނައަކީ " ކޯރުން އަދި ވާރޭފެނުން، ފެން ލިބިގެން ހެދޭ ގަސްގަހުން ލިބޭ އެއްޗަކުން ދިހަބައިކުޅަ އެއްބައެވެ. އަދި ފެންދީގެން ހައްދާ ގަސްގަހުން ލިބޭ އެއްޗަކުން ދިހަބައިކުޅަ އެއްބައިގެ ދެބައިކުޅަ އެއްބައެވެ."
ދަނޑުވެރިކަމާއި މޭވާއިން ޒަކާތް ދެއްކުން ވާޖިބުވާ ކަމުގެ ދަލީލު އިސްލާމީ އުއްމަތުގެ ދަންނަބޭކަލުންގެ އިޖުމާޢުން :
ބިމުގައި ހެދޭ (ގޮވާމާ މޭވާ) ހުރިހާ ބާވަތްތަކުން 10 ނުވަތަ 5 ޕަސެންޓްގެ މިންވަރަކުން ޒަކާތް ދެއްކުން ވާޖިބުވާ ކަމަށް އިސްލާމީ އުއްމަތުގެ ދަންނަބޭކަލުން އެއްބަސްވެލައްވައެވެ. އަދި މިތަކެތީގެ ތަފުޞީލާމެދު އެބޭކަލުންގެ މެދުގައި އިޚްތިލާފު ވެފައިވެއެވެ.[2]
[1] السَّانِيَةِ އަކީ ވަޅުން ފެން ނަގައި އުފުލުމަށްޓަކައި ގެންގުޅޭ ޖަމަލު ނުވަތަ ގެރި އެވެ.
[2] – Zakat Rules (First Edition -2001) – By: Zakat House Islamic Law Affairs Office – Page 61