ދިވެހިރާއްޖޭގައި ޒަކާތުގެ ތާރީޚް

ކުރީގެ رئيس الجمهورية الأستاذ مأمون عبد القيوم އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރުގައި ޒަކާތުގެ އޮފީހެއް އުފެއްދެވީ މީލާދީން 1983 ވަނަ އަހަރުތަކުގެ ކުރީކޮޅުގައެވެ. އަދި އެއޮފީހުގެ އިސްވެރިޔަކަށް فضيلة الشيخ عثمان عبد الله  ހަމަޖައްސެވިއެވެ. އަދި މީސްތަކުންނަށް ފަރުޟު ޒަކާތުގެ  މުހިންމުކަން ބަޔާންކޮށްދިނުމުގެ ގޮތުން ކޮންމެ ހަފުތާއަކު ދިވެހިރާޖޭގެ އަޑުން ޕްރޮގުރާމެއް ފޮނުވުމަށް އެންގެވި އެވެ. އެގޮތުން ޒަކާތުގެ މުހިންމު ކަމުގެ މައްޗަށް ޕޮރްގްރާމުތަކެއް ހައްދަވައި ރޭޑިޔޯ މެދުވެރިކޮށް އެ ޕްރޮގްރާމް ކުރިޔަށް ގެންދެވިއެވެ. ދިވެހިރާއްޖޭގައި ޒަކާތުގެ އޮފީހެއް އުފައްދަވައި މުދަލުޒަކާތުގެ މުހިންމު ކަމުގެ މައްޗަށް މީސްތަކުން  ހޭލުންތެރި ކުރުމުގެ ގޮތުން ކުރެވެމުން ދިޔަމަސައްކަތުގެ އިތުރުން ފަރުޟު ޒަކާތާ ބެހޭގޮތުން ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ފޮތެއްވެސް  އެކުލަވާލައްވައި ނެރުއްވަމުން ގެންދެވިއެވެ.

ޒަކާތާބެހޭ އޮފީހެއް އުފައްދަވައިގެން ސަރުކާރުން މިމަސައްކަތް ކުރައްވަން ފެއްޓެވުމުގެ ކުރީގައި މުދަލުޒަކާތަކީ ދައުލަތަށް ދައްކަންޖެހޭ ޒަކާތެއްކަން ގިނަމީހުނަށް އެނގިފައި ނުވެއެވެ. ސަބަބަކީ ޢާންމުގޮތެއްގައި ރައްޔިތުން ދައުލަތަށް ދައްކާއުޅެނީ ފިތުރު ޒަކާތްކަމުގައި ވާތީއެވެ. އަދި ސަރުކާރުންވެސް އެޒަކާތް ނަންގަވައި ބައްސަވަމުން ގެންދަވައެވެ. އަދި މިހާރުވެސް ފިތުރު ޒަކާތާ ޙަވާލުވެ ބެހުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަވައެވެ.

ޒަކާތާބެހޭ އޮފީސް ހުޅުވި މަސައްކަތްކުރަން ފެށުނުއިރު މުދަލުޒަކާތަށް އަހަރަކު ލިބޭކަމަށް ވަނީ ފަންސާހަކަށްހާސް ރުފިޔާއެވެ. رسول الله صلى الله عليه وسلمގެ ޒަމާނުގައި ފައިސާގެ ގޮތުގައި ގެންގުޅެފައިވަނީ ރަނާއި ރިއްސެވެ. ނަމަވެސް މިއަދު ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް އެބަޔެއްގެ އަމިއްލަ ފައިސާއެއް މިވަނީ ޖަހާފައެވެ. ދިވެހިރުފިޔާ ޖަހާފައި ހުރީ ވަކިފައިސާއެއް  ނުވަތަ ވަކިއެއްޗެއް ބަހައްޓާފައެއް ނޫނެވެ. އެހެންކަމުން ޒަކާތާބެހޭ އޮފީސް އުފެއްދެވުމަށް ފަހު ޒަކާތާބެހޭ ކަންތައްތައް ގެންދާނޭ ގޮތާއި މެދުގައި މަޝްވަރާކޮށް އެކަން ތަރައްޤީ ކުރުމަށްޓަކައި ޒަކާތާބެހޭ ކޮމެޓީއެއް އުފެދުނެވެ.  އެކޮމެޓީގައި ދިވެހި ރުފިޔާއިން ޒަކާތް ވާޖިބުވާ ނިޞާބާއި މެދު މަޝްވަރާކުރެވި، ދިވެހިރުފިޔާއިން ޒަކާތް ވާޖިބުވާ ނިޞާބަކީ ރިހީގެ ނިޞާބުކަމުގައި އެއްބަސްވެވުނެވެ. އަދި ކޮންމެ ހަމަހަކުން އެއްފަހަރު ދުނިޔޭގެ ބާޒާރުގައި ރިހީގެއަގު ހުރިގޮތް ބަލައި ދިވެހިރުފިޔާއިން ޒަކާތް ވާޖިބުވާ ނިޞާބު ހަމަޖައްސައި އިޢުލާނު ކުރެއްވެމުންދިއެވެ.[1]

11 ނޮވެމްބަރ 1993 ގައި ޒަކާތާބެހޭ އޮފީސް މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގެ ދަށުން ހިންގަން ހަމަޖައްސައި އެގޮތަށް ޢަމަލުކުރެވެން ފެށުނެވެ. އަދި 06 ނޮވެމްބަރ 1996 އިން ފެށިގެން ޒަކާތާބެހޭ އޮފީސް ހިންގަމުން ގެންދިޔައީ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖްލިސްގެ ދަށުންނެވެ. އޭރުގައި ޒަކާތުގެ ފައިސާގެ ފީސަބީލިالله ބައިން ރައްޔިތުންނަށް އެހީ ފޯރުކޮށްދެމުން ގެންގޮސްފައި ވަނީ ސަރުކާރުގެ ވުޒާރާތަކާ ޙަވާލު ކުރެވިގެންނެވެ. މިގޮތުން ބޭސް ފަރުވާގެ އެހީ ޞިއްޙީ ޚިދްމަތުގެ މުއައްސަސާއާއި ޙަވާލުކުރެވިފައި ވެއެވެ. އަދި ސްކޫލް ކުދިންނަށް ދެވޭ އެހީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޙަވާލުކުރެވިފައި ވެއެވެ. މިގޮތުން ދަރިވަރުންގެ ފޮތްތަކާއި ޔުނީފޯމް ފަދަ ތަކެތި ސަރުކާރުން މިއެހީގެ ދަށުން ރަޢްޔިތުންނަށް ލިބޭނެ ގޮތް ހަމަޖައްސާ ދެއްވާފައި ވެއެވެ. މީގެ އިތުރުން ޒަކާތުގެ ފަޤީރުންނާއި މިސްކީނުންގެބަޔާއި ދަރަނިވެރިންގެބައި މިހާރެކޭ އެއްފަދައިން އެކަމަށް އެދޭ ފަރާތްތަކަށް މާލީއެހީތެރިކަން ފޯރުކޮށް ދެވިފައިވެއެވެ.

މުދަލުޒަކާތާއި ޙަވާލުވެ، ބެހުމުގެ ކަންކަމުގައި ޙަރަކާތްތެރިވަމުން ދިޔަ، އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލިސް، 2008 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ބަދަލުވެ،  ޒަކާތުގެ ފައިސާއާ ޙަވާލުވެ، ބެހުމުގެ މަސައްކަތް މިނިސްޓްރީން ކުރިއަށް ގެންދަން ފެށުނެވެ. އަދި ޑރ. ޢަބްދުލްމަޖީދު އަބްދުލްބާރީގެ ވަޒީރުކަމުގައި ޒަކާތުގައި ފައިސާ ބެހުމުގެ އިދާރީ އުޞޫލުތައް ތަރައްޤީކުރަން ފައްޓަވައި، ބައެއް މުހިންމު ހެޔޮ ބަދަލުތައް ގެންނެވިއެވެ. މުދަލު ޒަކާތުގެ ފައިސާ ބެހެއްޓުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބެލުމުގެ ދަށުން 03 ފެބްރުއަރީ 2010 ގައި ޒަކާތު ފަންޑުގެ ނަމުގައި ޚާއްޞަ ފަންޑެއް ޤާއިމުކުރެވުނެވެ. ޒަކާތު ފަންޑް ހިންގަނީ ދައުލަތުގެ އެކި އެކި އިދާރާތަކުގެ މައްޗަށް ހިމެނިގެންވާ، ޒަކާތާ ބެހޭ ކަންކަމަށް ލަފާދެއްވާ ކޮމިޓީންނެވެ. މިކޮމިޓީއަކީ "ޒަކާތު ފަންޑް" އަށް ޖަމާކުރާ މުދަލު ޒަކާތު ފައިސާ ކީރިތި ޤުރުއާނުގައި ކަނޑައެޅިފައިވާ 8 ބަޔަށް ބެހުމަށްޓަކައި އެކުލެވިފައިވާ ކޮމެޓީއެކެވެ، އަދި ފުޅާދާއިރާއެއްގައި މުޖްތަމަޢުގެ މަންފާއަށްޓަކައި ފީސަބީލިﷲ ބައިން ޚަރަދުކުރާނެ ދާއިރާތަކާއި ޚަރަދުކުރާނެ ފައިސާގެ މިންވަރު ކަނޑައަޅައި، ޒަކާތު ފަންޑު ހިންގުމުގައި ލަފައާއި އިރުޝާދު ދިނުމަށް ދައުލަތުގެ އެކިއެކި މުޢައްސަސާތަކުގެ  މަންދޫބުންގެ މައްޗަށް އެކުލަވާލެވިފައިވާ ކޮމެޓީއެކެވެ.

2012 ވަނަ އަހަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަޒީރުކަމާ ޙަވާލުވެ ވަޑައިގެން ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާވާނެ އިދާރީ އާއުޞޫލުތަކެއް، ޝަރުޢީ ދިރާސާތަކުގެ އަލީގައި ތަޢާރަފް ކުރެއްވިއެވެ.  މިގޮތުން ޒަކާތުގެ ބެހެނިވެރިންގެ ޝަރުޢީ މިންގަނޑުތައް އެކުލަވާލައި، ޒަކާތް ބެހުމުގެ އުޞޫލުތައް ފުޅާކޮށް އިތުރަށް ތަރައްޤީކުރެއްވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި ޒަކާތް ނެގުމުގައި އޭރު ޢަމަލުކުރެވެމުންދާ އުޞޫލުތައް ބަލައި މުރާޖަޢާކޮށް، ގެންނަންޖެހޭ އިޞްލާޙުތައް ހިމަނައި ޒަކާތުގެ ޤާނޫނުގެ ބިލް ޑްރާފްޓް ކުރެއްވިއެވެ. ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ނެގޭ މުދާބެހުމާއި، ޒަކާތުގެ މުދަލުގެ ގޮތުގައި ލިބޭ ތަކެތީގެ ޙައްޤުވެރިންނަކީ ކޮބައިކަން ބަޔާންކުރުމާއި، ޒަކާތް ނެގުމުގެ ކަންކަން ވިލަރެސްކޮށް ބަލަހައްޓާ ފަރާތާއި، އެފަރާތުގެ ޒިންމާއާއި އިޚްތިޞާޞްތަކާއި، މަސްއޫލިއްޔަތުތައް ކަނޑައެޅުމުގައި ދިވެހިރާއްޖޭގައި ޢަމަލުކުރަންޖެހޭ ޢާންމު އުޞޫލުތައް މި ބިލުގައި ބަޔާންކުރެވިފައި ވެއެވެ. ގިނަ އިސްލާމީ ޤައުމުތަކުގައި ޒަކާތުގެ ކަންކަން ކުރިއަށް ދަނީ ޤާނޫނީ ނިޒާމެއްގެ ތެރެއިންނެވެ. އެހެންކަމުން މި ފަދަ ބިލެއް ޤާނޫނެއްގެ ސިފައިގައި ވުޖޫދަށް ގެނައުމަށް މިނިސްޓްރީން އޭރު މަސައްކަތްތަކެއް ކޮށްފައިވެއެވެ.

 

[1]  އިންޓަރވިއު: އައްޝައިޚް ޢުޘްމާން ޢަބްދުﷲ

ތާރީޚް

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ތާރީޚް

18 ޑިސެމްބަރު 2023

މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 18 ޑިސެމްބަރު 2023ގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" ގެ ނަމުގައި ގާއިމްކޮއްފައިވާ އިދާރާއެކެވެ.