ގްލޯބަލް އިސްލާމިކް ފައިނޭންސް ސަމިޓް 2024 ގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ބައިވެރިވެއްޖެ

14 ވަނަ ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑްސް (ޖީފާ) އަދި ގްލޯބަލް އިސްލާމިކް ފައިނޭންސް ސަމިޓް 2024 ގައި މޯލްޑިވްސް ޒަކާތު ހައުސްއިން ބައިވެރިވެއްޖެއެވެ. މި ހަފްލާ ބޭއްވުނީ ރާއްޖޭގެ ވިލާ ނޯޓިކާ ޕެރަޑައިސް އައިލެންޑްގައެވެ. މި ހަފްލާގައި އިސްލާމިކް ފައިނޭންސްގެ އާ ވިސްނުންތަކާއި ކުރެވިދާނެ ބައެއް ކަންކަމާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ. އަދި އިސްލާމީ ފައިނޭންސްގެ ދާއިރާގައި ގައި ހޯދިފައިވާ ކާމިޔާބީތައް ހިއްސާކުރެވުނެވެ. މުސްތަޤުބަލުގައި ދެމެހެއްޓެނިވި ގޮތެއްގައި މާލީ ކަންކަން ކުރިއަށް ގެންދެވިދާނެ ގޮތުގެ އާ ވިސްނުންތައް ވެސް އެކި ބޭފުޅުން ހިއްސާ ކުރެއްވިއެވެ.

އިސްލާމިކް ފައިނޭންސްގެ ދާއިރާގައި ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅުންގެ ހިމެނޭހެން 20 ގައުމެއްގެ ބައިވެރިން މި ޙަރަކާތުގައި ބައިވެރިވިއެވެ. އަދި އިސްލާމީ ބޭންކިންގ އާއި ދެމެހެއްޓެނިވި ފައިނޭންސްގެ ދާއިރާގައި ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ބެހޭގޮތުން ޕެނަލް މަޝްވަރާތަކެއް ކުރިއަށް ގެންދެވުނެވެ. މީގެ އިތުރުން، ގްރީން ޞުކޫކް އަދި ސޯޝަލް ފައިނޭންސްއާ ބެހޭގޮތުންނާއި އެ ކަންކަމުގެ ސަބަބުން ޤައުމުތަކަށް ގެނެވިދާނެ ހެޔޮ ބަދަލުތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެވުނެވެ.

މި ސަމިޓުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ އިސްވެރިންނާއި އިދާރީ ބައެއް މުވައްޒަފުން ބައިވެރިވިއެވެ. އެގޮތުން ޑިރެެކްޓަރ ޖެނެރަލް އޮފް ޒަކާތު ހައުސް އައްޝައިޚް ޢިއްޒައްދީން ޢަދުނާން، ފަންޑު މެނޭޖަރ ޢަބްދުﷲ ޢަލީ، ޕޮލިޓިކަލް ޑިރެކްޓަރ މުޙައްމަދު ނައުޝީރުގެ އިތުރުން އިދާރީ ތިން މުވައްޒަފަކު ބައިވެރިވެެފައި ވެއެވެ.

ހިއްސާކުރައްވާ