ޒަކާތުން ފަންޑުން ޣައްޒާގެ ރައްޔިތުންނަށް ހަދިޔާ ކުރާ އެއް ލައްކަ ޑޮލަރު ޤަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާއި ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ޣައްޒާގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ނިންމާފައިވާ އެއްލައްކަ ޑޮލަރު، ޤަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާއި ހަވާލުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ޤަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި ޤަތަރު ރެޑްކްރެސެންޓް ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް ފައިސަލް މުޙައްމަދު އަލްއެމަދީއެވެ.

މި ފައިސާ ޤަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާއި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ދެ ޕޭމަންޓަކަށް ބަހާލައިގެންނެވެ. ޒަކާތު ހައުސްގެ ފަރާތުން ފޮނުވާ އެއް ލައްކަ ޑޮލަރު ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ޤަތަރު ރެޑްކްރެސެންޓް ސޮސައިޓީން ކުރިއަށް ގެންދާ މަޝްރޫއުއަށެވެ.

މިއީ ޒަކާތު ފަންޑުން ރާއްޖޭން ބޭރުގެ ފަރާތަށް އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ފަލަސްޠީނު ރައްޔިތުންނަށް އެހީވުމަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދެވޭ ކަމެކެވެ.

ހިއްސާކުރައްވާ