ދިވެހިރާއްޖޭގެ ފުރަތަމަ ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް މާދަމާ ބާއްވަނީ

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން އިންތިޒާމްކޮށްގެން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސް، އިންޒެކް 2024 އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި 28 ނޮވެމްބަރު 2024 (ބުރާސްފަތި) ދުވަހު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް 2024 (އިންޒެކް 2024) އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ޢިލްމުވެރިންނާއި، މި މަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން ގުޅިގެން، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށް ޓަކައި މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.

އިންޒެކް 2024ގެ އަމާޒަކީ، ރާއްޖޭގެ އިޖްތިމާއީ އަދި އިޤްތިޞާދީ މައިދާނަށް ފެތޭ ގޮތަށް، އަވަސް އަދި ފަސޭހަ ގޮތަކަށް ޚިދުމަތްދެވޭ ޒަކާތުގެ އޮނިގަނޑެއް ޤާއިމުކޮށް، މި ނިޒާމުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކޮށްދިނުމެވެ. މި ކޮންފަރެންސްގައި ރާއްޖޭގެ އެކި މުއައްސަސާތަކުން އަދި މެލޭޝިޔާގެ ބައެއް އިންސްޓިޓިއުޝަންތަކުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު ޕެނެލިސްޓުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންނާއި، އިސްލާމިކް ފައިނޭންސްއާއި އިޤްތިޞާދީ ދާއިރާގެ މާހިރުން ބައިވެރިވެލައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގުން ހަރުދަނާކޮށް، ޒަކާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް ހެއްދެވުމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ 15 ޑިސެމްބަރު 2023 ގައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި ޒަކާތު ހައުސް އުފައްދަވާ، ޒަކާތު ހައުސް ރަސްމީކޮށް އިފްތިތާޙްކުރެއްވީ 2 ޖަނަވަރީ 2024 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ޒަކާތު ކޮންފަރެންސް 2024 ގެ ސިލްވާ ސްޕޮންސަރަކީ އެމް.އެޗް.އޭ އެވެ. ބްރޮންޒް ސްޕޮންސަރަކީ މޯލްޑިވްސް އިސްލާމިކް ބޭންކްއެވެ. އަދި ކޭޓަރިންގ ޕާޓްނަރަކީ ބުރުޒު ކޭޓަރިންގއެވެ.

ހިއްސާކުރައްވާ