އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާ ބައްދަލުކުރައްވައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލު ކުރެއްވުމަކީ ދިރިއުޅުމުގެ ޙާލަތު ވަރަށް ދަށް ކަމަށް، ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ފާހަގަވެފައިވާ ޢާއިލާތަކަށް ޒަކާތު ފަންޑުން އެހީތެރިކަމެއް ފޯރުކޮށްދެވިދާނެތޯ އަދި އެހީތެރިވެވޭނެ ނަމަ، އެކަމުގައި މިދެ މުއައްސަސާއިން ޢަމަލު ކުރެވިދާނެ ގޮތާއިމެދު މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

މިބައްދަލު ކުރެއްވުމުގައި އެވުޒާރާއިން ވަނީ މާލީ ތަނަވަސްކަން ނެތް ދިރިއުޅުގެ ޙާލަތު ދަށް 121 އާއިލާއެއް ފާހަގަ ކުރެވިފައިވާކަމަށާއި އޭގެ ތެރެއިން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ޖެހިފައިނުވާ 94 އާއިލާއެއްވާ ކަމަށެވެ. އެ ޢާއިލާތަކަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިއްމުކަމާ މެދު އެވުޒާރާއިން ވާހަކަ ދެއްކެވިއެވެ. ދިވެހި ރާއްޖޭގެ ޒަކާތު ހައުސްގެ ބޭފުޅުން ވެސް ވަނީ އެ 94 ޢާއިލާ ޙާލަތު ދެނެގަނެ އެ ޢާއިލާތަކުގެ ޙާލަތު ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަން ބައްލަވާނެ ކަމަށް ވިދާޅުވެފައި އެވެ.

ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއިން ކުއްލި ޙާލަތު މެދުވެރިވެގެން އެހީ އެދޭ ފަރާތްތަކާއި އަދި ޟަރޫރީ ކަންކަމުގައި އެހީ އަށް އެދޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން ދެއެވެ. އަދި ދިވެހި ރައްޔިތުންގެ ތެރެއިން ފުދުންތެރިކަން ނެތް ފަރާތަކަށް ބޭސްފަރުވާ ކުރުމަށް މާލީ އެހީ ތެރިކަން ދެމުން ދެއެވެ.

ހިއްސާކުރައްވާ