ޒަކާތު ފަންޑުން ރާއްޖެއާއި ރާއްޖޭއިން ބޭރުން އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕް އަދި ޚާއްސަ ސްކޮލަރޝިޕްގެ ފުރުސަތު

ޒަކާތު ސްކޮލަރޝިޕްގެ އެހީއަކީ ދިވެހި އުންމަތް ހަރުދަނާކުރުމަށް ޓަކައި އެ ދާއިރާއަކުން މީހުން ތައްޔާރު/ތަމްރީނުކުރުމަށް ކޮންމެހެން ލާޒިމުވާ، ޝަރުޢީގޮތުން ހުއްދަ ދާއިރާތަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންގެ ތެރެއިން މާލީގޮތުން ފުދުންތެރިކަން ނެތް ދިވެހި ދަރިވަރުންނަށް ޒަކާތު ފަންޑުން ދެވޭ އެހީއެކެވެ.

ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީދިނުމުގެ އުސޫލުގެ ދަށުން 3 ބަޔަކަށް އެހީތެރިކަށް ފޯރުކޮށްދެވޭނެއެވެ.

މަތީ ތަޢުލީމު ހާސިލުކުރުމަށް ދޭ ސްކޮލަރޝިޕްގެ ފުރުޞަތު

މި ސްކޮލަރޝިޕްއަކީ އިސްލާމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން ފެށިގެން ލެވެލް 10 ގެ ނިޔަލަށް ހިމެނޭ ކޯސްތަކުގައި ކިޔެވުމުގެ ހުރިހާ ޚަރަދެއް ހިމެނޭ ގޮތަށް ދެވޭ ފުރުޞަތުތަކެވެ.

މަތީ ތަޢުލީމު ހާސިލުކުރުމަށް ދޭ ޚާއްސަ ސްކޮލަރޝިޕްގެ ފުރުޞަތު

ޒަކާތު ފަންޑުން މަތީ ތަޢުލީމު ހާސިލުކުރުމަށް ޓަކައި ދޭ ޚާއްސަ ސްކޮލަރޝިޕަކީ، ޤައުމަށް މުހިންމު ދާއިރާތަކުން މީހުން ބިނާކުރުމަށާއި ތަމުރީނުކުރުމަށް ޓަކައި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން ލެވެލް 10 ގެ ނިޔަލަށް ހިމެނޭ އިސްލާމީ ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގެ ކޯސްތަކުގައި ކިޔެވުމަށް ޓަކައި ފަރުދުންނަށާއި ދައުލަތުގެ މުއައްސަސާތަކަށް ދޭ ފުރުޞަތުތަކެކެވެ.

މަތީ ތަޢުލީމު ފުރިހަމަކުރުމަށްދޭ އެހީ

މަތީ ތަޢުލީމު ފުރިހަމަކުރުމަށް ދޭ އެހީއަކީ އަމިއްލަ ޚަރަދުގައި ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ހިންގާ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 އިން ފެށިގެން ލެވެލް 10 ގެ ކޯސްތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން، ދަރިވަރުގެ އިޚުތިޔާރެއް ނެތި ދިމާވާ ޚާއްޞަ ހާލަތެއްގެ ސަބަބުން ކޯސް ފުރިހަމަކުރުމަށް، ފައިސާގެ ދަތިކަން މެދުވެރިވެފައިވުމާއެކު، އިތުރު އެހެން މާލީ އެހީތެރިކަމެއް ނުވަތަ އަމިއްލައަށް ޚަރަދު ހަމަޖެއްސޭނެ ގޮތެއް ނެތް ފަރާތްތަކަށް ފޯރުކޮށްދެވޭ އެހީތެރިކަމެކެވެ.