ވިޔަފާރިން ޒަކާތް ނެރޭނީ ކިހިނެތް؟

ވިޔަފާރި މުދަލުން ޒަކާތް ނެރުމުގައި ޝަރުޠުތަކެއް ވެއެވެ. އެހެންވެ ވިޔަފާރިވެރިޔާ އޭނާގެ ވިޔަފާރި މުދަލުން ޒަކާތް ނެރުމުގެ ކުރިން މިދަންވާ ޝަރުޠުތައް ފުރިހަމަވޭތޯ ބަލަންވާނެއެވެ. އެ ޝަރުޠުތައް ތިރީގައި މިދަންނަވަނީއެވެ.

  1. މުދަލަކީ ވިޔަފާރިކޮށްގެން މަންފާ ހޯދުމުގެ ނިޔަތުގައި ގަނެ މިލްކު ކުރި މުދަލެއް ކަމުގައިވުން.
  2. މުދަލުގެ ވެރިފަރާތަށް އެމުދާ ތަޞައްރަފުކޮށް ބޭނުންކުރުގައި ހުރަހެއް ނެތުން. މާނައަކީ އެ މުދަކީ އޭނާގެ ފުރިހަމަ މިލްކުގައިވާ އެ މުދަލަކުން ތަޞައްރަފު ކުރުމުގެ ފުރިހަމަ އިޚުތިޔާރު އޮތް މުދަލެއް ކަމުގައިވުމެވެ.
  3. މުދަލުގައި ނިޞާބު ހަމަވެ ހުންނަތާ ހަނދުމަހުން އަހަރެއްވުން. މިއެވެ.

 

މިދެންނެވި ޝަރުޠުތައް ފުރިހަމަވެއްޖެނަމަ، ވިޔަފާރިވެރިޔާ އޭނާގެ ވިޔަފާރި މުދަލުން ޒަކާތް ނެރުމަށް ޢަމަލު ކުރާނީ ތިރީގައި މިދަންވާ ގޮތަށެވެ.

  • ވިއްކަން ބަހައްޓާފައި ހުރި މުދަލާއި ގުދަނުގައި ރައްކާކޮށްފައި ހުރި މުދަލުގެ އިންވެންޓްރީއެއް ހެދުމަށްފަހު، ބާޒާރުގައި އެތަކެތީގެ އަގުހުރިވަރެއް ބަލައި އަގުކުރާނީއެވެ. އަގުކުރާ އިރު ހޯލްސޭލްކޮށް ވިއްކާ ބަޔަކުނަމަ، އަގު ކުރާނީ ހޯލްސޭލް ރޭޓުންނެވެ. ރީޓޭލްކޮށް ވިއްކާ ބަޔަކުނަމަ، ރީޓޭލް އަގުންނެވެ. މި ދެގޮތަށް ވިއްކާ ބަޔަކުނަމަ އެ ދެއަގުންނެވެ.

މިހެން އަގުބަލާއިރު ފަހަރެއްގައި އެމުދާ އޭނާގަތް އިރު ހުރިއަގަށްވުރެ ބޮޑުކޮށް ނުވަތަ ކުޑަކޮށް ވެސް ހުރެދާނެއެވެ. ކޮންމެ ޙާލެއްގައި ވިޔަސް ޒަކާތް ދެއްކުމަށް މުދަލުގެ އަގު ކުރަންވާނީ އެވަގުތަކު ބާޒާރުގައި އެތަކެތި ވިއްކަން ހުރި އަގަކުންނެވެ.

  • މިހެން އަގު ކުރުމަށްފަހު، އަންނަ ޢަދަދު، އޭނާގެ އަތުގައި ޖަމާވެފައިހުރި ނަޤުދު ފައިސާގެ ޢަދަދާ އެއްކުރާނީއެވެ. ފަހަރެއްގައި އޭނާއަށް ލިބިފައިވާ ފައިސާއިން މިންވަރެއް އެހެން ވިޔަފާރިއެއްގައި އިންވެސްޓްކޮށްފައި ވެސް ހުރެދާނެއެވެ. އެހެން އިންވެސްޓް ކޮށްފައި ހުއްޓަސް އެ ޢަދަދެއް ވެސް މުދަލުގެ އަގުތެރެއަށް އެއްކުރަންވާނެއެވެ.
  • މިހެން އެއްކުރުމުން އަންނަ ޖުމްލަ ޢަދަދުގެ ތެރެއަށް، އޭނާއަށް ލިބެންޖެހޭ ދަރަނިތަކުގެ ތެރެއިން، ޒަކާތް ދެއްކުމުގެ ކުރިން ލިބޭނެކަން ޔަޤީންވާ މިންވަރު އެއްކުރާނީއެވެ. ލިބޭނެކަމުގެ ޔަޤީން ކަމެއްނެތް ދަރަނި އެއްކުރާކަށް ނުޖެހޭނެއެވެ.
  • މިހެން އެއްކުރުމުން އަންނަ ޖުމްލަ ޢަދަދުން، އެމީހާ އެކި ފަރާތްތަކަށް ދޭންޖެހޭ (ދަރަނި) މިންވަރު ކަނޑާނީއެވެ. އެ މިންވަރު ކަނޑާލީމަ، ބާކީ ހުރި ޖުމްލަ ޢަދަދުގެ 2.5 ފަސެންޓް ނުވަތަ އެ ޢަދަދުގެ 40 ބައިކުޅަ އެއްބައި ޒަކާތުގެ ގޮތުގައި ނެރޭނީއެވެ.
ހިއްސާކުރައްވާ

އިތުރު ސުވާލުތައް